ބީއެމްއެލްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ 13 މީހެއްގެ އެކައުންޓުން ހަތަރުލައްކަ ރުފިޔާއަށްވުރެ ގިނަ ރުފިޔާ ނެގި މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި ހުކުމް އިއްވީ ބ.އޭދަފުށި، ހިޔާވަހި ޢަލީ މާޒިންގެ މައްޗަށެވެ. އެއީ ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް އުފުލި ޚިޔާނާތްތެެރިވުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.
އޭނާގެ މައްޗަށް މި ދައުވާ އުފުލީ 18 ސެޕްޓެމްބަރު 2012 އިން ފެށިގެން 26 އޮކްޓޫބަރު 2021 ގެ ނިޔަލަށް ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި ދުވަސްވަރު، އެ މަގާމުން އޭނާއަށް ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން 14 މެއި 2021 އިން ފެށިިގެން އެ އަހަރުގެ ސެޕްޓެމްބަރު 23 ގެ ނިޔަލަށް އެކި ދުވަސް މަތިން، ބީއެމްއެލްގެ 13 ކަސްޓަމަރެއްގެ މައުލޫމާތު ބީއެމްއެލްގެ ސީއާރްއެމް ސިސްޓަމުން ބަދަލުކޮށް ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގ ރަޖިސްޓްރީކޮށް، އެ ކަސްޓަމަރުންގެ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލާގައެވެ.
އެ އެކައުންޓުތަކުން އެކު ޖުމްލަ 482,611.41 ރުފިޔާ ސައްހަ ނޫން ކްރެޑިޓް ކާޑުގެ ޕޭމަންޓްގެ ގޮތުގައާއި، ފޮރެކްސް ޓްރާންސެކްޝަނުގެ ގޮތުގައާއި، އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން އަމިއްލަ ފައިސާގެ ގޮތުގައި އެ ފައިސާއިން މުއާމަލާތްކޮށް އެ ފައިސާއަށް ޚިޔާނަތްތެރިވެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައިވެއެވެ.
މި މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި ޢަލީ މާޒިން ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އަދި ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައިވާ ކަމަށާއި އެ އެއްބަސްވުމުގައި ވާ ގޮތަށް އަދަބު ކަނޑައަޅައިދިނުމަށް އެދޭ ކަމަށް ބުނެފައިވެއެވެ.
އިބްތިދާއީ އަޑުއެހުމުގައި ޢަލީ މާޒިން ދައުވާއަށް އިއުތިރާފުވެފައިވާތީ، މި މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އަވަސް ނިޔާގެ އަޑުއެހުމުގައި ވެސް އޭނާ އިއުތިރާފު ދަމަހައްޓާފައިވާތީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް މި ދައުވާ ސާބިތުވާ ކަމަށް ޝަރީއަތުން ވަނީ ކަނޑައަޅާފައެވެ.
އިއުތިރާފުގެ އެއްބަސްވުމުގައި ކަނޑައެޅި އަދަބަކީ 40 ގަޑިއިރު މުޖުތަމައުއަށް ޚިދުމަތް ކުރުމާއެކު، 56,200 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އެހެންވެ ޝަރީއަތުން ވަނީ އޭނާގެ އަދަބަކީ އެއީ ކަމުގައި ކަނޑައަޅައި، ޖޫރިމަނާގެ ފައިސާ އިއްޔެއިން ފެށިގެން 3 މަސް ދުވަސްތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި ހުކުމްކޮށްފައެވެ.

