އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
އާރޓްސް އެންޑް ކަލްޗަރ ސެންޓަރެއް ގާއިމުކުރުމަށް މޯލްޑިވިސް ޕޮލިޓެކްނިކާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.
“އާރޓްސް އެންޑް ކަލްޗަރ ސެންޓަރު”ގެ ނަމުގައި ސެންޓަރެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސިއީއޯ، ޛޫޝާން ކަމާލުއްދީންއެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޗީފް ސްޓްރެޓެޖިކް އޮފިސަރު މަރްޔަމް ނަޝާއެވެ.
މި މަރުކަޒަކީ ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމާއި، އުފެންދުންތެރި ވިޔަފާރިވެރިންނަށް ފުރުސަތުތަށް ފަހިކޮއްދިނުމާއި، ޒުވާނުން ސަގާފީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ގާއިމުކުރާ މަރުކަޒެކެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަރުކަޒު ހިންގުމަށް ހަމަޖެހިފައިވަނީ ބީސީސީއާއި ޕޮލިޓެކްނިކް އިން ގުޅިގެންނެވެ. އެގޮތުން މި މަރުކަޒާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވައި، ވިޔަފާރިވެރިންނާއި އެކި ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން މި މަރުކަޒުގައި ތަފާތު އެތައް ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދިވެހިބަހާއި އަދަބިއްޔަތާއި ތާރީހާއި ސަގާފަތާއި ތަރިކައިގެ ދާއިރާ ދިރުވައި އާލާކުރުމަކީ ރައީސުލްޖުމުހޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި ދާއިރާ ކުރިއަރުވަން ރައީސް ވަނީ ޚާއްސަ މިނިސްޓްރީއެއް ވެސް އުފައްދަވައިފައެވެ.

