ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހެލްތުން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން ކުރި އިއުލާނެއްގައި ވަނީ ތިން ދާއިރާއަކުން ކުރިމަތިލުމަށް އަންނަ މަހުގެ 10 ގެ ނިޔަލަށް ފުރުސަތު ހުޅުވާލައިފައެވެ.
ދާއިރާތައް:
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ތަމްސީލުކުރާ ފަރާތެއް.
ޚިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ފަރާތެއް
ފުޑް ސައިންސްގެ މާހިރެއް
ނޭޝަނަލް ފުޑް ސޭފްޓީ އެންޑް ކޮލިޓީ ބޯޑުގެ މެމްބަރުކަމުގެ ދައުރަކީ 5 އަހަރެވެ.
މި ބޯޑުގެ މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި
ކާބޯތަކެތީގެ ފެންވަރާއި، ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުންނާއި ކާބޯތަކެއްޗަކީ ސިއްހަތަށް ފައިދާހުރި ތަކެތި ކަމުގައި ކަށަވަރުކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެއިތުރުން ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި އެމްއެފްޑީއޭއަށް ލަފާދިނުމަކީ ވެސް ބޯޑުގެ މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

