މުވައްޒަފެއްގެ އިހުމާލުން ނުވަތަ ގަވާއިދާ ޚިލާފަށް ކުރާ އަމަލަކުން ކަސްޓަމަރުންނަށް އެއްވެސް މާލީ ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ދީފިއެވެ.
ބީއެމްއެލްއިން މި ޔަގީންކަން ދިނީ ކަސްޓަމަރުންގެ އެކައުންޓުން މުވައްޒަފަކު ފައިސާ ނަގައި، ޚިޔާނާތްތެރިވި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
40 ގަޑިއިރު މުޖުތަމައުއަށް ޚިދުމަތް ކުރުމާއެކު، 56,200 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކުރީ ބ.އޭދަފުށި، ހިޔާވަހި ޢަލީ މާޒިންގެ މައްޗަށެވެ.
އޭނާއަކީ 18 ސެޕްޓެމްބަރު 2012 އިން ފެށިގެން 26 އޮކްޓޫބަރު 2021 ގެ ނިޔަލަށް ބީއެމްއެލްގެ ކަސްޓަމަރ ސަރވިސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އެ މަގާމުން އޭނާއަށް ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން 14 މެއި 2021 އިން ފެށިިގެން އެ އަހަރުގެ ސެޕްޓެމްބަރު 23 ގެ ނިޔަލަށް އެކި ދުވަސް މަތިން، ބީއެމްއެލްގެ 13 ކަސްޓަމަރެއްގެ މައުލޫމާތު ބީއެމްއެލްގެ ސީއާރްއެމް ސިސްޓަމުން ބަދަލުކޮށް ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިންގ ރަޖިސްޓްރީކޮށް، އެ ކަސްޓަމަރުންގެ ފައިސާއަށް ޚިޔާނަތްތެރިވެފައިވެއެވެ.
އެގޮތުން އޭނާ ވަނީ އެ އެކައުންޓުތަކުން ޖުމްލަ 482,611.41 ރުފިޔާ ނަގައިފައެވެ.
ބީއެމްއެލްއިން ބުނީ 2021 ވަނަ އަހަރު ހިނގާދިޔަ މި މައްސަލަ ބޭންކަށް ފާހަގަވުމާއެކު ވަގުތުން އެ މުވައްޒަފު ވަޒީފާއިން އެކަހެރިކުރެވުނު ކަމަށެވެ. އަދި ބޭންކުން މި މައްސަލަ ބެލިއިރު، މާޒިން ވަނީ އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގައި، އަމިއްލައަށް ބޭނުންކޮށްފައި ކަމަށެވެ.
މި މައްސަލަ ބެލުމަށްފަހު އޭނާ ވަޒީފާއިން ވަކިކޮށް އޭނާގެ މައްސަލަ 7 ޑިސެންބަރު 2021 ވަނަ ދުވަހު ޕޮލިހަށް ހުށަހެޅި ކަމަށާއި މިކަމުގައި ކަސްޓަމަރުން އަތުން ގެއްލުނު ފައިސާ ކަސްޓަމަރުންގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
ބީއެމްއެލްއިން ބުނީ ބޭންކުގައި ހިނގާފާނެ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ދެނެގަތުމަށް ބޭންކުގެ ގަވައިދުތަކާއި އުސޫލުތައް ހަރުދަނާކޮށް، އިންޓާނަލް ކޮންޓްރޯލްތައް ބޭންކުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މުވައްޒަފަކު ގަވައިދާ ޚިލާފު ކަމެއްކޮށްފިނަމަ، އެކަމެއް ތަހުގީގުކޮށް އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަބަދުވެސް އަޅާނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

