ބައިނަލްއަގުވާމީ ތަމްރީނު ޕްރޮގްރާމްތަކެއްގައި ބައިވެރިވުމަށް 13 ފުލުހަކު ރާއްޖެއިން ބޭރަށް ފުރައިފިއެވެ.
އޭގެތެރެއިން 10 ފުލުހަކު ފުރީ ތުރުކީއަށެވެ. ސިންގަޕޫރަށް ދެ ފުލުހަކު ފުރިއިރު، އެއް ފުލުހަކު ވަނީ ދުބާއީއަށް ފުރާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މި ފުލުހުން ތުރުކީ، ސިންގަޕޫރާއި ދުބާއީގައި ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކުރާނެ ކަމަށާއި މި ތަމްރީންތަކަކީ ގާނޫނު ތަންފީޒުކުރުމާއި، ލީޑަރޝިޕް އަދި ފުލުހުންގެ މަސައްކަތުގެ އެކި ދާއިރާތަކުން މީހުން ބިނާކޮށް ހުނަރު އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީންތަކެއް ކަމަށެވެ.
ތުރުކީއަށް ފުރި 10 ފުލުހުން ތުރުކީގެ ނޭޝަނަލް ޕޮލިސް އެކަޑަމީން އިންތިޒާމުކޮށްގެން ހިންގާ ދެ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާނެއެވެ. އެއީ އަންޑަރގްރެޖުއޭޓް އަދި މާސްޓާސް ލެވެލްގެ ތަމްރީނު ޕްރޮގްރާމްތަކެކެވެ.
މި ފެށޭ އޮކްޓޯބަރު 7 އިން 2026 ސެޕްޓެމްބަރު 30 އަށް ހިންގޭ ފަސްޓް ސްޓޭޖް ސުޕަވައިޒަރ ތަމްރީނު އަދި ނޮން-ތީސިސް މާސްޓަރސް ޕްރޮގްރާމްގައި ހިމެނެނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކާއި، އިންސާނީ ހައްގުތަކާއި ފުލުހުންގެ މަސައްކަތް، ޓެރަރިޒަމް، ފުލުހުންގެ ލީޑަރޝިޕް އަދި ސެކިއުރިޓީ މެނޭޖްމަންޓް ފަދަ މޮޑިއުލްތައް ހިމެނޭ މާސްޓަރސް ލެވެލްގެ މުގައްރަރެކެވެ.
ފުލުހުން ބުނީ މި ކޯހުގައި ބައިވެރިވާ 5 ފުލުހުން ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު ބޭނުންކުރުމުގެ ތަމްރީނު އަދި ޓެކްޓިކަލް ތަމްރީނުތައް ވެސް ފުރިހަމަކުރާނެ ކަމަށެވެ.
މީގެ އިތުރުން އޮކްޓޯބަރު 7 އިން 2029 ސެޕްޓެންބަރު 30 އަށް ހިންގޭ އަންޑަރގްރެޖުއޭޓް ތަމްރީނު ޕްރޮގްރާމް (ބެޗްލަރސް) ގައި 5 ފުލުހަކު ބައިވެރިވާނެއެވެ.
މި ތަމްރީނު ފަށާނީ އެއް އަހަރުގެ ތުރުކީ ބަހުގެ ތައްޔާރީ ކޯހަކުންނެވެ. އޭގެ ފަހުން ގާނޫނު، ސިޔާސަތު، މެނޭޖްމަންޓް އަދި ކްރިމިނޮލޮޖީ ފަދަ މާއްދާތައް ހިމެނޭ ބެޗްލަރސް ޑިގްރީ ޕްރޮގްރާމެއް ފުރިހަމަކުރާނެއެވެ. އަދި މާސްޓަރސް ޕްރޮގްރާމްގެ ބައިވެރިންނެކޭ އެއްފަދައިން، މި ފުލުހުން ވެސް ފިޒިކަލް ޓްރޭނިންގ އާއި، ހަތިޔާރު އަދި ޓެކްޓިކަލް ތަމްރީނުތައް ފުރިހަމަކުރާނެއެވެ.
ސިންގަޕޫރަށް ފުރި ދެ ފުލުހުން ބައިވެރިވާނީ ސިންގަޕޫރު ޕޮލިސް ފޯސްއިން ހިންގާ ސީނިއަރ އޮފިސަރުންގެ އަސާސީ ކޯހުގައެވެ.
މި ކޯސް ކުރިއަށްދާނީ މިއަދުން ފެށިގެން 2024 ޖޫން 30 އަށެވެ. 10 މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމް ފަރުމާކުރެވިފައިވަނީ ބައިވެރިންގެ ލީޑަރޝިޕާއި ޓެކްޓިކަލް ހުނަރުތައް އިތުރުކުރުމަށެވެ.
މި ރެސިޑެންޝަލް ކޯހުގައި ހިމެނެނީ ފުލުހުންގެ ޑިފެންސް ޓެކްޓިކްސް، ފިޒިކަލް ޓްރޭނިންގ، ގާނޫނު އަދި ލީޑަރޝިޕް މާއްދާތަކެވެ. އަދި ބޭރު އެހެން ގައުމެއްގައި ކުރިއަށްދާ ބައެއް ވެސް މި ޕްރޮގްރާމްގައި ހިމެނެއެވެ.
ޔޫއޭއީގައި ހިންގޭ ޕޮލިސް އެކަޑަމީ އެކްސްޗޭންޖް ޕްރޮގްރާމުގައި އެެއް ފުލުހަކު ބައިވެރިވާނެއެވެ.
ޔޫއޭއީގެ އިންޓީރިއަރ މިނިސްޓްރީއާ ގުޅިގެން އަބޫދާބީ ޕޮލިސް ކޮލެޖުން އިންތިޒާމުކުރާ މި ޕްރޮގްރާމް ކުރިއަށްދާނީ އޮކްޓޯބަރު 01 އިން 2025 ޖަނަވަރީ 31 އަށެވެ.
ހަތަރު މަސްދުވަހަށް ކުރިއަށްދާ ރެސިޑެންޝަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ހިމެނެނީ ފިޒިކަލް ޓްރޭނިންގ އާއި، މަރޗިންގ ޑްރިލްސް، ފުލުހުންގެ މަސައްކަތުގެ އަމަލީ ތަމްރީނުތަކާއި އިލްމީ ދިރާސާތަކެވެ.

