މަސްވެރިން މިފްކޯއަށް ކިރި މަހަށް ލިބެންޖެހޭ 17 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޖަމާކޮށްދީފިއެވެ. މި ފައިސާ ޖަމާކޮށްދީފައިވަނީ އިއްޔެއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވިގޮތުގައި، އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުންޏަށް ކިރި މަހުގެ ޖުމްލަ އަގަކީ 17,350,903 ރުފިޔާއެވެ. މި ފައިސާ އޮޑިވެރިންނަށް އިއްޔެ ޖަމާކޮށްދެވިފައިވާ ކަމަށް މިފްކޯއިން ވިދާޅުވިއެވެ.
މިފްކޯއިން ވަނީ ސަރުކާރުން އެ ކުންފުންޏަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މަސްވެރިންނަށް ބަރާބަރަށް ފައިސާ ދިނުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުން ވެރިކަމަށް އައިސް އެންމެ ފުރަތަމަ ކުރި މަސައްކަތްތަކުގެ ތެރޭގައި، ކުރީ ސަރުކާރުން މަސްވެރިންނަށް ނުދެވި ހުރި 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުން ހިމެނެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ އެންމެ ބޮޑު އެއް ވަޢުދަކީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމެވެ. ވެރިކަމުގެ މި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ވަޢުދު ފުއްދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.
މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް، މިދިޔަ ޖުލައި މަހުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނެ ޚަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ހަމަޖައްސާ އަގެއްގައެވެ.

