ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް އިމިގްރޭޝަނުން ހުޅުމާލޭގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަންގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ޝަމްއާން ވިދާޅުވީ، ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ފިޔަވަޅު އަޅަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެކަނިކަމަށާއި، ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންނަށް އަދަބެއް ނުދެނީ ކީއްވެތޯ ބައެއް ފަރާތްތަކުން ސުވާލު ކުރާކަމަށެވެ.
“މިހާރުވެސް ބިދޭސީންނާމެދު އިހުމާލުވެފައި ހުރި ދިވެހިންނަށް ފިޔަވަޅު އަޅަން. ޖޫރިމަނާކޮށް ބްލެކް ލިސްޓްކޮށްފައިވެސް ވާނެ ގިނަ ކުންފުނިތަކެއް. އަޅުގަނޑުމެންގެ ރެއިޑް އޮޕްރޭޝަނެއްގައި އިހުމާލުވެފައިވާ އެމްޕްލޯޔަރެއް އުޅޭކަމުގައި ވާނަމަ ނޫނީ ގަވައިދާ ހިލާފަށް ބަޔަކު ގެންގުޅޭކަން ކަށަވަރުވާކަން އެނގޭނަމަ އަޅުގަނޑުމެން މިހާރުވެސް ފިޔަވަޅު އަޅާފައި ހުންނާނީ.” ޝަމްއާން ވިދާޅުވިއެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ބިދޭސީންނާ ގުޅޭ އެއްވެސް ޖޫރިމަނާއެއް މިހާތަނަށް ނުދައްކާ 7،501 ފަރާތެއް އެކްސްޕެޓް ސިސްޓަމަށް ނުވަދެވޭ ގޮތަށް ވަނީ ބްލޮކް ކޮށްފައެވެ.
ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާގެ އަދަދު 100،000 ރުފިޔާއަށްވުރެ މަދުނަމަ އެފަރާތްތަކަށް ފައިސާ ދައްކާ ހަލާސް ކުރުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ދިނެވެ. މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް، އިއުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެކަމަށް އެ ވުޒާރާއިން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

