ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތ.ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އޭނާގެ ފޯނު ހޯދަން ކަމަށް ބުނެ ތަނަކަށް ގޮސް ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ޝަހުދާ ހައްޔަރުކުރީ މި މަހުގެ 15 ގައެވެ. ފުލުހުން އޭނާގެ މައްޗަށް ކޮށްފައިވަނީ މުދަލަށް ގެއްލުންދިނުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތެވެ.
މި މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ދިން 15 ދުވަސް ހަމަވުމުން މިއަދު ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.
ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށް، ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
މައްސަލަ ހުށަހަޅާ ފަރާތުން ފާހަގަކޮށްފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާދިން ކަމާއި ފުލުހުން އޭނާ ހައްޔަރުކުރަން އުޅުނު ވަގުތު އޭނާ ވަޅިއެއް ބިންމައްޗަށް އެއްލައިލިކަން ފުލުހުން ފާހަގަކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
ޝަހުދާއަކީ ބިރުދެއްކުމާއި ފޭރުމުގެ ކުށުގެ ރެކޯޑު އޮތް މީހެއްކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ދީނަށްް ފުރައްސާރަކުރުމާއި މުދަލަށް ގެއްލުންދިނުންފަދަ އެތައް މައްސަލައަކާ ގުޅިގެން ތިމަރަފުށީ ރައްޔިތުން މީގެކުރިން ވަނީ އޭނާއާ ދެކޮޅަށް ނުކުމެ މުޒާހަރާ ވެސް ކޮށްފައެވެ.

