ރާއްޖޭގެ ތަރައްގީ ކުރިއަރުވަން ކުރާ މަސައްކަތަށް އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން ދެމި އޮންނާނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ އެ ގައުމުގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެކަމަނާ ވިދާޅުވީ ރާއްޖެ-ޗައިނާގެ ގުޅުން ގާއިމުކުރިތާ 52 އަހަރުވެފައިވާއިރު، މިކަމުން ދައްކައިދެނީ ކުޑަ ގައުމަކާއި ބޮޑު ގައުމެއްގެ ދެމެދުގައި އޮންނަންޖެހޭ ގުޅުމުގެ ރަނގަޅު މިސާލެއް ކަމަށެވެ. ދެ ގައުމުގެ ގުޅުމަކީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ސަފީރު ވަން ލީޝިން ވިދާޅުވި ގޮތުގައި ވަނީ ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދެވިފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިކަން ފާހަގަކުރައްވައިފައެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތަކާއި، ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުއާއި ސިނަމާލެ ބުރިޖުގެ މަޝްރޫއު ހިމެނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ރޮނގުން ދެއްކެވި ވާހަކަފުޅުގައި ސަފީރު ވަނީ ރާއްޖެއިން ބައިނަލްއަގުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތަށާއި ރާއްޖޭގެ ތަރައްގީ ކުރިއަރުވަން ކުރާ މަސައްކަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ހަމައެއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ތަރައްގީގެ ރޮނގުން ރާއްޖެއިން އިތުރު ކާމިޔާބީތަކެއް ހޯދާނެކަމަށް ޔަގީންކުރައްވާ ކަމުގައި ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

