މުސްތަގުބަލުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުސަތުތަކެއް ލިބޭނެކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ 75 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރާއްޖެއިން ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުން ކަމަށެވެ.
އެގޮތުން ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަމާއި، މި ނޫންވެސް ގިނަ އުމްރާނީ މަޝްރޫއުތަކަކީ ދެ ގައުމުގެ ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެ ގައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައި ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިގުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައި ކަމަށެވެ.
މީގެއިތުރުން ކުރިއަށް އޮތްތަނުގައި، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތަ އާއި، ބޯހިޔާވަހިކަމާއި ބިނާރު އަދި ސަގާފީ ދާއިރާގައި މިހާރަށްވުރެ ގުޅުން ބަދަހިވުމަށް އެމަނިކުފާނު ކުރައްވާ ތަސައްވުރު ވެސް ވަނީ ހިއްސާ ކުރައްވާފައެވެ.
ރައީސް ވަނީ މުސްތަގުބަލުގައި ދެ ގައުމުގެ ގުޅުން ބަދަހިވެ، އެއްބާރުލުން އިތުރުވެ، ފަހި ފުރުސަތުތަކެއް ލިބި، ތަމައްދުނުވެ، އަމަންއަމާންކަން އިތުރުވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ޗައިނާގެ ރައްޔިތުންގެ ހިންމަތްތެރިކަމާއި ނުގުޑާ އަޒުމާއި، އެ މީހުންގެ ސާބިތުކަން ފާހަގަކުރައްވާފައެވެ. އަދި ދުނިޔޭގެ އިގުތިސާދުގައި ބާރުވެރި ގައުމެއްގެ ގޮތުގައި ޗައިނާ ހިމެނިގެންދިޔައީ، އެ ގައުމުގެ ތަރައްގީ ޒަމާނާ ހަމަހަމަކުރުމަށް އަހައްމިއްޔަތުކަން ދީގެން ވިލުންތެރިކަން ހާސިލުކުރުމަށް ޗައިނާއިން ދަތުރުކުރި ރާސްތާގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.
މުސްތަގުބަލުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިވެ، ފަހި ފުރުސަތުތަކެއް ލިބޭނެކަން ރައީސް ފާހަގަކުރައްވާފައިވާއިރު، ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން ވަނީނ ރާއްޖޭގެ ތަރައްގީ ކުރިއަރުވަން ކުރާ މަސައްކަތަށް އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

