އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ފެނަކައިން މަސައްކަތްތައް ހަރުދަނާ ފަށައިފިއެވެ.
އެމަސައްކަތުގެ ދަށުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު އަދި ކުންފުނީގެ އިސްވެރިން، އައްޑޫ ސިޓީ ކައުންސިލާއި ވަނީ ބައްދަލު ކުރެއްވާފައެވެ.
އެ ބައްދަލު ކުރެއްވުމުގައި، އައްޑޫ ސިޓީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގާ ޕްރޮޖެކްޓުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާ ކުރުމުގެ އިތުރުން އެ ޕްރޮޖެކްޓަށް ބޭނުންވާ ބިން ހަމަޖެއްސުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައި ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
އައްޑޫ އަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން ފެނަކަ އިން ވަނީ މީގެ ކުރިން ޗައިނާ ކުންފުންޏަކާ ވެސް ހަވާލުކޮށްފައެވެ. އައްޑޫގެ ރަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ އަށް ހައްލެއް ހޯދުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޑޮންފަންގް އިލެކްޓްރިކްއާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.
މީގެ ކުރިން ފެންކައިން ބުނީ އައްޑޫގެ ފެނުގެ މައްސަލަ ހައްލުވެގެންދާއިރު، އައްޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ 20 އަދި 25 އަހަރަށް ހައްލުވާނެ ކަމަށެވެ.

