ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޗައިނާ ސަރުކާރަށާއި، އެ ގައުމުގެ ރައްޔިތުންނަށް ރައީސް ޑރ. މުޢިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ ދިވެހިރާއްޖެއިން ދެ ގައުމުގެ އެކުވެރިކަމުގެ އަގު ވަޒަންކޮށް، ވަން-ޗައިނާ އުސޫލު ދަމަހައްޓަވާނެކަމުގެ ޔަގީންކަންދެއްވައިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ސަބަބުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ޗައިނާގެ 75 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި އިއްޔެ ވަނީ ޚާއްސަ ހަފުލާއެއް ބާއްވާފައެވެ. އެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދެ ގައުމުގެ ގުޅުމުގެ މައްޗަށްވެސް އަލިއަޅުވައިލައްވާފައެވެ.
އެގޮތުން، ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބިނާވެފައިވަނީ އިތުބާރާއި، އިހުތިރާމާއި، ސިޔާދަތު ދެމެހެއްޓުމާއެކު، އިސްތިގުލާލު ހިފެހެއްޓުމުގެ ބިންގަލުގެ މަތީގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއިން ދަނީ މެދުނުކެނޑި، ސާބިތުކަމާއެކު ބައިވެރިވަމުން ކަމަށާއި، ސިނަމާލެ ބްރިޖާއި، ބޯހިޔާވަހިކަމާއި މި ނޫންވެސް ގިނަ އުމްރާނީ މަޝްރޫއުތަކަކީ މި ދާއިމީ ގުޅުން ދައްކުވައިދޭ ދިރިހުރި ނިޝާންތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

