އެކިއެކި ކުށުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކުރި މިންވަރު މަދުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިދިޔަ އޮގަސްޓް މަހާ އަޅާބަލާއިރު، މިދިޔަ މަހު ރިޕޯޓުކުރި މައްސަލަތައް މަދުވެފައިވާ ކަމަށެވެ.
ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ހިންގަމުން އަންނަ ލޯކަލް ފްރަންޓްލައިން ޕޮލިސިންގައި އަލަށް ފެށި މަސައްކަތުގެ ސަބަބުން ރަނގަޅު ނަތީޖާތަކެއް ފެންނަމުންދާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
ޝިފާން އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޮގަސްޓު މަހު އެންމެ ގިނައިން ރިޕޯޓުކުރީ ވައްކަމުގެ މައްސަލައެވެ. އެގޮތުން 327 މައްސަލައެއްް ހުށަހަޅާފައިވެއެވެ. ނަމަވެސް ސެޕްޓެމްބަރުގައި އެ އަދަދު ވަނީ 230 އަށް ދަށްވެފައެވެ.
މީގެއިތުރުން ޓްރެފިކް އެކްސިޑެންޓުތައް 204 އިން 143 އަށް ވަނީ މަދުވެފައެވެ. އަދި އޮގަސްޓްމަހު މަސްތުވާތަކެތީގެ 134 މައްސަލަ ރިޕޯޓުކުރެވުނުއިރު، މިދިޔަ މަހު ރިޕޯޓުކުރެވުނީ 111 މައްސަލައެވެ.
ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައެޅިފައިވާ ގޭންގް ކުށްތަށް ހުއްޓުވުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ވެސް ފުލުހުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން، އޮނިގަނޑަށް މި ފަހުން ގެނެވުނު ބަދަލާއެކު ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކި ޚާއްސަ ވިންގެއް ވަނީ ގާއިމުކޮށްފައެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މީގެއިތުރުން މާލޭގެ ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި ވަކި ޚާއްސަ ސަރަހައްދުތަކެއް ފާހަގަކޮށް ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބެލެހެއްޓުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

