ޒުވާނުންގެ އެވޯޑު ދިނުމުގެ ހަފުލާ މި މަހު 22 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހަމަވީ މިދިޔަ މަހު 26 ގައެވެ.
ޒުވާނުންގެ އެވޯޑުގެ ގޮތުގައި މިއަހަރު ތަފާތު 17 ދާއިރާއަކުން އިނާމު ދިނުމަށް ޔޫތު މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
- ވިޔަފާރިއާއި އިގްތިސާދު
- އާރޓްސް އެންޑް ކަލްޗަރ- ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
- ދަރުމަވެރިކަން
- ވޮކޭޝަނަލް ޓްރެއިނިންގ- ދަސްކޮށްދިނުން
- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
- މަސްވެރިކަމުގެ ދާއިރާ
- ދަނޑުވެރިކަމުގެ ދާއިރާ
- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
- ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
- ކުޅިވަރުގެ ދާއިރާއިން- ކުޅިވަރުގެ ދާއިރާއިން އާދަޔާ ޚިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
- ފަންނިއްޔާތުގެ ދާއިރާ
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
ޒުވާނުންގެ އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގިދިނުމުގެ ގޮތުން ދޭ އިނާމެކެވެ.

