ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ދަސްވާރު ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ސޯޝަލް ސެކިއުރިއުރިޓީ އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި އާރްޑީސީއާ ދެމެދު ވެވުނު ފަހުމުނާމާއެއްގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
ޖުމްލަ 6 މަސް ދުވަހުގެ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ހިމެނެނީ 5 ބައިވެރިންނެވެ. ބައިވެރިންނަށް އަމަލީ މަސައްކަތާއި ތަމްރީނު އަދި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން، އާރްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދެވޭނެއެވެ.
މީގެ ތެރޭގައި މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، އަދި ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތައް ހިމެނެއެވެ.
ޕްރޮގްރާމްގެ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދެވޭނެކަމަށް އާރްޑީސީން މައުލޫމާތު ދީފައިވެއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރި ކުރުވުމާއި، ވަޒީފާގެ ބާޒާރުގައި ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ގާއިމު ކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމާއި، އެފަރާތްތައް މުޖުތަމައުގެ ޒިންމާދާރު އަދި އުފެއްދުންތެރި މެންބަރުންގެ ގޮތުގައި ބިނާކުރުންވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޕްރޮގްރާމް ފެށުމަށް މަގުފަހިކޮށްދިން ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ގައެވެ.

