ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރިކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށައިފިއެވެ.
ފުވައްމުލަކު ސިޓީން ބުނީ މި ޕްރްގުރާމްގައި ބައިވެރިވުމުގެ އެއްބަސްވުން ވެސް މިހާރު ވަނީ ހަވާލުކޮށްފަކަމަށެވެ.
އެ ޕްރޮގްރާމަކީ މަސައްކަތަށް ނުކުންނަ ޒުވާނުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވާލަދީ ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
“މަސައްކަތުގެ މާހައުލުގައި އަޅައި ފުރަތަމަ ފިޔަވަޅަކީ ކުރިމަގުގައި މަސައްކަތުގެ ސަގާފަތާއި މަސައްކަތުގެ އަހުލާގު ގެންގުޅޭނެ ގޮތުގެ ބިންގާ އެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އަމިއްލައަށް ޒިންމާ ނެގުމާއި، ލިބިފައިވާ އިލްމު އޭގެ ފުރިހަމަ ގޮތުގައި ބޭނުންކުރުމާއި، އެކުގައި މަސައްކަތްކުރާ އެހެން މީހުންނާއިއެކު އޮންނަންޖެހޭ ގުޅުމާއި މަސައްކަތުގެ މާހައުލުގައި ގެންގުޅެންޖެހޭ އާންމު އުސޫލުތަކަށް މިއެޕްރެންޓިސްޝިޕްގެ ބައިވެރިން އަހުލުވެރިކުރެވޭނެ” ފުވައްމަލު ކައުންސިލް
މީގެ އިތުރުން ބައިވެރިން އަހުލުވެރިކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގޭ ހުރިހާ ޑިޕާޓްމެންޓެއްގައި މަސައްކަތްކޮށް އެދާއިރާތަކުން އިލްމީ ތަޖުރިބާއާއި ތަމްރީނު ދިނުމާއި ވަޒީފާގެ އަމަލީ ތަޖުރިބާ ދިނުމާއި، މަސައްކަތް ރޭވުމަށާއި ވަގުތު މެނޭޖު ކުރުންފަދަ ކަންކަމަށް ބައިވެރިން އަހުލުވެރިކުރުމަށް ތަޖުރިބާ ލިބިފައިވާ މުވައްޒަފުންނާއިއެކު މަސައްކަތްކުރުމުގެ ފުރުސަތުވެސް މިޕްރޮގްރާމުގެ ތެރެއިން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައި ކަމަށް އެ ކައުންސިލުން ބުނެއެވެ.
މިފަހަރުގެ ޕްރޮގްރާމުގައި 15 ޒުވާނުންނަށް ފުރުސަތު ދީފައިވާއިރު ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން 1 އިން ފެށިގެން 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

