ފާނަ މަސްވެރިކަމުގައި އުޅުނު ދޯންޏެއް އަޑިޔަށް ހިނގައްޖެއެވެ.
ވިއްސާރައިގައި ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް ތ.އޮޅުގިރިއާ ދިމާލުން މާކަނޑަށް އަޑިޔަށް ދިޔައިރު، މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
މިއަދު ހެދުނު ހިގާދިޔަ މިހާދިސާގައި ދޯނި އަޑިޔަށް ދިޔުމުން ދޯނިން ދަތުރުކުރި އެންމެން މޫދުގައި ތިއްބާ ވަނީ ސަލާމަތްކޮށްފައެވެ. އެދިމާލުން ދަތުރުކުރި ލޯންޗަކަށް އެމީހުން ފެނިގެން ކަނޑުވި މީހުން ސަލާމަތްކުރީ އެލޯންޗުން ކަމަށް އޮންލައިން ނޫސް “މަސްވެރިން އެމްވީ” އިން ބުނެފައިވެއެވެ.
މިހާދިސާ ހިނގާދިޔަ ސަރަހައްދުގައި ތ.ވިލުފުށީ އިތުރު ދެދޯނި ހަރަކާތްތެރިވަމުންދާ ކަމަށާއި އަޑިޔަށް ދިޔަ ދޯންޏަކީވެސް ތ.ވިލުފުށީ ދޯންޏެއް ކަމަށް މީޑިޔާގައި ހާމަކޮށްފައިވެއެވެ.
ވިއްސާރައިގައި ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް އަޑިޔަށް ދިޔުމާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އެމްއެންޑީއެފުން އަދި ހާމަކޮށްފައި ނުވެއެވެ.

