މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ “މަސްވެރިކަމުގެ މަޝްރޫޢުތަކުގެ ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ގަވާއިދު އާންމު ކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނީ ޤަވާއިދުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހިންގާ މަސްވެރިކަމުގެ މަޝްރޫޢުތަކަކީ މަސްވެރިކަމުގެ ޞިނާޢަތަށް އެކަމުގެ މަންފާ އެދެވޭގޮތުގައި ކުރާނެ ގޮތަށް ފަރުމާކޮށްގެން ހިންގާ މަޝްރޫޢުތަކެއްކަން ކަށަވަރުކުރުމާއިއެކު، މަސްވެރިކަމުގެ މަޝްރޫޢު ޤާއިމްކުރުމަށް ހުއްދަ ހޯދުމާއި އެ މަޝްރޫޢުތަކުގެ ދަށުން ޤާއިމްކުރާ ފެސިލިޓީތައް ހިންގުމަށް ލައިސަންސް ހޯދުމުގައި ޢަމަލުކުރަންޖެހޭ މަރުޙަލާތައް ކަނޑައަޅައި، ހަރުދަނާ އުޞޫލުތަކެއްގެ ތެރެއިން އެކަންކަން ތަންފީޒުކުރުން ކަމަށެވެ.
މި ޤަވާއިދުތަކުގެ ދަށުން، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ޤާއިމްކުރުމަށް ހިންގާ މަޝްރޫޢުތަކަކީ އައިސްޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަދިނުމުގެ ޤަވާއިދުގެ ދަށުން ހުއްދަނަގަންޖެހޭ ކަންކަން ކަމަށެވެ.
އަދި މީގެ އިތުރުން، މިނިސްޓްރީން ހުއްދަ ލިބިގެން އައިސްޕްލާންޓް ޤާއިމް ކުރުމަށް ހުއްދަ ނަގާ ފަރާތްތަކުން އައިސްޕްލާންޓުގެ ޚިދުމަތް ދޭންފެށުމުގެ ކުރިން މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ ޤަވާއިދުގެ ދަށުން “އައިސްޕްލާންޓް ހިންގުމުގެ ލައިސަންސް” ނެގުމަށް ލާޒިމްކުރާ ކަމަށެވެ. އަދި މިހާރު އައިސްޕްލާންޓްތައް ހިންގަމުންގެންދާ ފަރާތްތަކުންވެސް މި ޤަވާއިދުގެ ދަށުން ލައިސަންސް ނަގަންޖެހޭގޮތަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

