ހިމޭން ޒިންމާ
މާލޭގެ މަގުތަކުގައި އާދަޔާ ޚިލާފު ހަލަބޮލޮލިކަމެއް އޮތެވެ. ސައިރަންގެ އަޑު ގަދަވަމުން އަންނަ ވަރަކަށް މީހުންގެ ހިތްތައް ބާރުވަމުން ދިޔައެވެ. އެންބިއުލާންސްގެ ބާރު ދުވެލީގައި ދެ ކުދިން ހޮސްޕިޓަލަށް ގެންދެވެމުންދާ މަންޒަރު ފެނުމުން، މަގުމަތީގައި ތިބި މީހުން ކަންބޮޑުޮޑުވެ، އެކި ވާހަކަ ދައްކަން ފެށިއެވެ.
ހޮސްޕިޓަލުގެ އިމަރޖެންސީ ވޯޑުގައި އޮތް ހަލަބޮލިކަން އިންތިހާއަށް ގޮސްފައިވެއެވެ. ކުއްލި އެކްސިޑެންޓެއްގައި ޒަޚަމްވެފައިވާ ދެ ކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ނަރުހުންނާއި ޑޮކްޓަރުން ބާރަށް މަސައްކަތް ކުރަމުންދެއެވެ. އެކަކު އަނެކަކަށް ގޮވަމުން، މެޑިކަލް އިކުއިޕްމަންޓްތައް ގެންނަމުން، އަވަސް އަވަހަށް ހަރަކާތްތެރިވަމުން ދިޔައެވެ.
"ބްލަޑް ޕްރެޝަރ ވަރަށް ދަށްވެއްޖެ!" މުނާ ނަރުސް ގޮވާލިއެވެ.
"އަވަހަށް އައި.ވީ ފްލުއިޑް ގެންނާތި!" އަނެއް ނަރުހަކު އަމުރު ކުރިއެވެ.
ކުއްލިއަކަށް އެއް ޑޮކްޓަރަކު ބާރަށް ގޮވާލިއެވެ. "މި ކުއްޖާ ވަގުތުން އޮޕަރޭޝަން ކުރަންޖެހޭ! އިންޓަރނަލް ބްލީޑިންގ އެބަހުރި!"
އެހެންނަމަވެސް، އެވަގުތު އޮޕަރޭޝަން ކުރުމަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރު ހޮސްޕިޓަލުގައި ނެތުމުން ކަންތައްތައް އިތުރަށް ދަތިވެގެން ދިޔައެވެ. ނަރުހުން އަވަސް އަވަހަށް ފޯނުން ގުޅަން ފެށިއެވެ.
"ޑޮކްޓަރު ޖަވާބެއް ނުދެއްވާ!" މުނާ ކަންބޮޑުވުމާއެކު ބުންޏެވެ.
"އަނެއްކާވެސް ގުޅޭ! ކޮންމެހެންވެސް ޖަވާބު ދެއްވަންދެން ގުޅަމުން ގެންދޭ!" ސީނިއަރ ނަރުހަކު އަމުރުކުރިއެވެ.
ޒަޚަމްވެފައިވާ ކުދިންގެ މައިންބަފައިން ހޮސްޕިޓަލަށް އައިސް، ކަންބޮޑުވުމާއި ބިރުވެރިކަމުގެ ތެރޭގައި ތިއްބެވެ. ފައުޒީއާއި އޭނާގެ އަނބިކަނބަލުން އަމީލާ، އެމީހުންގެ ދަރިފުޅު ހުޒާމްގެ ހާލު ބަލަން ބޭނުންވެ، ކެތްމަދުވެފައި ތިއްބެވެ. އަމީލާ ރޮމުން ދުޢާކުރަމުންދާއިރު، ފައުޒީ ކެތްމަދުވެ، ޑޮކްޓަރުންނާ ސުވާލުކުރަމުންދެއެވެ.
ނަސީބަކުން، ވަރަށް ގިނަ ފަހަރު ގުޅުމަށްފަހު، ޑރ. އަޝްހަދުﷲ އަށް ގުޅުމުން ފޯނަށް ޖަވާބު ދިނެވެ. އިމަރޖެންސީކޮށް ބަލިމީހަކު އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ ކަމަށް އެންގުމާއެކު، ޑޮކްޓަރު ވަރަށް އަވަހަށް ހޮސްޕިޓަލަށް އަންނަ ކަމަށް ބުންޏެވެ.
ހުރިހާ އެންމެން ވެސް ކަންބޮޑުވުމާއި އުއްމީދާއެކު ޑޮކްޓަރު އަންނާނެ ވަގުތު ބަލަން ތިއްބެވެ. މިނެޓުތައް ގަޑިއިރުތަކެއްހެން ލަސްވަމުން ދިޔައެވެ. ކޮންމެ ސިކުންތެއް ވެސް އަގުހުރި ވަގުތެއްގެ ގޮތުގައި ފާހަގަކުރެވެމުން ދިޔައެވެ. ފައުޒީގެ ހިތުގައި ބިރުވެރިކަމާއި ކަންބޮޑުވުން އިތުރުވަމުން ދިޔައެވެ. އޭނާގެ ލޮލުން ކަރުނަ އައިސް، އަނބިމީހާ އަމީލާގެ އަތުގައި ހިފަހައްޓައިގެން ހުރެއެވެ.
ކުއްލިއަކަށް، ހޮސްޕިޓަލުގެ ދޮރުން ޑރ. އަޝްހަދުﷲ ވަދެއްޖެއެވެ. އޭނާގެ މޫނުމަތީގައި ވަރުބަލިކަމާއި ކަންބޮޑުވުން ފެންނަން ހުއްޓެވެ. އެހެންނަމަވެސް، އަވަސް އަވަހަށް ހިނގަމުން އޭނާ އޮޕަރޭޝަން ތިއޭޓަރާ ދިމާލަށް ދިޔައެވެ.
"ޑޮކްޓަރު! ޑޮކްޓަރު!" ފައުޒީ ޑޮކްޓަރާ ދިމާލަށް ދުވެފައި އައެވެ. "އަޅުގަނޑުގެ ދަރިފުޅު ހުޒާމް ދެން ކިހިނެއް ވާނީ؟"
ޑރ. އަޝްހަދުﷲ ހުއްޓުމެއްނެތި ކުރިއަށް ދަމުން ބުންޏެވެ. "އަޅުގަނޑު ވީހާވެސް އަވަހަކަށް ބަލާލާނަން. ކުޑަކޮށް ކެތްތެރިވާން. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެ."
އެހެންނަމަވެސް، ފައުޒީ ރުޅިއައިސް، ޑޮކްޓަރާ ދިމާލަށް ހަޅޭއްލަވަން ފެށިއެވެ. "އަހަރެންގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާވެފައި އޮތްކަން ކަލެއަކަށް ނޭނގޭތަ؟ ޑިއުޓީ ގަޑީގައި ތިޔަ ތިބެނީ މުޅިން އަމިއްލަ ކަންކަމުގައި އެތަން މިތާނގައި. ޒިންމާ އަދާކުރަން ދަސްކުރޭ!"
ޑރ. އަޝްހަދުﷲ ހުއްޓި، ފައުޒީއާ ދިމާލަށް ބަލާލިއެވެ. އޭނާގެ ލޮލުގައި ވޭނާއި ކެތްތެރިކަން ފެންނަން ހުއްޓެވެ. ހިނިތުންވެލަމުން ޖަވާބު ދިނެވެ. "އަޚާ ފައުޒީ، އަޅުގަނޑަށް މާފުކޮށްދެއްވާ. މިހަބަރު ލިބުމާއެކު، ވީ އެންމެ އަވަހަކަށް މިއައީ. ރުޅި މަޑުކޮށް ހަމަޖެހިލައްވާ. އަޅުގަނޑު ކުރެވުނު އެންމެ އަވަސްކޮށް މަސައްކަތްކުރާނަން، ތިބޭފުޅާގެ ދަރިފުޅު ސަލާމަތްކުރަން. އަޅުގަނޑުގެ މަސައްކަތް ކާމިޔާބު ކޮށްދެއްވުން އޮތީ ހަމައެކަނި ﷲ ތައާލާއަށް އަޅުގަނޑުމެން އެންމެންނަކީވެސް ﷲގެ ޙުކުމްފުޅުގެ ދަށުގައިވާ އަޅުންކަން ހަނދާންކުރަމާ ހިންގަވާ."
އެހެންނަމަވެސް، ފައުޒީގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. "ހަމަޖެހޭށޭ…!! ކަލޭގެ ދަރިއަކު މި ހާލުގައި އޮތްނަމަ ކަލެއަށް ހަމަޖެހެވޭނެތަ؟ ކަލޭގެ އުފަން ދަރި މަރުވެއްޖެނަމަ ކަލޭ ހަދާނީ ކިހިނެއް؟"
ޑރ. އަޝްހަދުﷲގެ މޫނުމަތިން ވޭނުގެ ނިޝާންތައް ފެންނަން ފެށިއެވެ. އެހެންނަމަވެސް، އޭނާ ހަމަޖެހިލާފައި ބުންޏެވެ. "ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބަޔެކެވެ. އެނބުރި ދާހުށީ ހަމަ އެކަލާނގެ ޙަޟްރަތަށެވެ." މިހެން ބުނުމަށްފަހު ޑރ. އަޝްހަދުﷲ އޮޕަރޭޝަން ތިއޭޓަރަށް ވަދެގެން ދިޔައެވެ.
އެތަނުގައި ތިބި އެހެން މީހުން މި މަންޒަރު ބަލަން ތިއްބެވެ. ބައެއް މީހުން ފައުޒީއަށް ހަމަޖެހުމަށް އިލްތިމާސްކުރިއެވެ. އަނެއްބައި މީހުން ޑރ. އަޝްހަދުﷲގެ ކެތްތެރިކަމާމެދު އަޖައިބުވިއެވެ. އަމީލާ ފައުޒީގެ އަތުގައި ހިފައި، އޭނާ ހަމަޖެއްސުމަށް މަސައްކަތްކުރިއެވެ.
"ފައުޒީ، އަޅުގަނޑުމެން ﷲއަށް ދުޢާކުރަމާ ހިންގަވާ. ޑޮކްޓަރު އެ މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ދަރިފުޅު ސަލާމަތްކުރަން. އެ މޭރުމުން ވާހަކަދެއްކީމަ ކަންތައް އިތުރަށް ގޯސްވެދާނެ،" އަމީލާ ބުންޏެވެ.
ފައުޒީ އަމީލާގެ ދިމާލަށް ބަލާލިއެވެ. އޭނާގެ ލޮލުން ކަރުނަ އައިސް، އަޑު ތުރުތުރުއަޅަމުން ބުންޏެވެ. "އަހަރެންނަށް މިހާރު އެއްވެސް ކަމެއް ނުވިސްނޭ. ހުޒާމަކީ އަހަރެމެންގެ ހަމައެކަނި ދަރިފުޅު. އޭނާއަށް އެއްޗެއްވެއްޖެއްޔާ އަހަރެން ދެން ދިރިހުންނާނީ ކިހިނެއް؟"
މުނާ ނަރުހު ކައިރިއަށް އައިސް ބުންޏެވެ. "ފައުޒީ ބޭފުޅާ، ޑރ. އަޝްހަދުﷲއަކީ ވަރަށް ޤާބިލު ޑޮކްޓަރެއް. އެ ބޭފުޅާ ކުރެވުނު އެންމެ ބާރަކަށް މަސައްކަތްކުރާނެ. އަޅުގަނޑުމެން އެންމެން ވެސް ދުޢާކުރަމާ ހިންގަވާ."
ގަޑިތައް ފާއިތުވަމުން ދިޔައެވެ. ފައުޒީއާއި އަމީލާ ކެތްމަދުވެފައި އޮޕަރޭޝަން ތިއޭޓަރުގެ ބޭރުގައި މަޑުކޮށްގެން ތިއްބެވެ. ކޮންމެ ފަހަރަކު ދޮރު ހުޅުވޭއިރު އެމީހުންގެ ހިތްތައް ބާރުވެއެވެ. އެހެންނަމަވެސް، އަދިވެސް ޚަބަރެއް ނުލިބެއެވެ.
ފަހުން، ޑރ. އަޝްހަދުﷲ އޮޕަރޭޝަން ތިއޭޓަރުން ނުކުތެވެ. އޭނާގެ މޫނުމަތީގައި ވަރުބަލިކަމާއި ހިތާމައިގެ ނިޝާންތައް ފެންނަން ހުއްޓެވެ. ފައުޒީއާއި އަމީލާ އަވަހަށް ޑޮކްޓަރާ ދިމާލަށް ދުވެފައި ދިޔައެވެ.
"ޑޮކްޓަރު! އަޅުގަނޑުމެންގެ ދަރިފުޅު ކިހިނެއްވީ؟" ފައުޒީ އަވަސް އަވަހަށް އަހާލިއެވެ.
ޑރ. އަޝްހަދުﷲ ފުން ނޭވައެއް ލިއެވެ. "އަލްޙަމްދުލިއްލާހް، ތިބޭފުޅުންގެ ދަރިފުޅު ހުޒާމްގެ އޮޕަރޭޝަން ކާމިޔާބުވެއްޖެ. އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަނީ. އެހެންނަމަވެސް، އަދިވެސް ކްރިޓިކަލް ކޮންޑިޝަންގައި އޮންނާނީ."
ފައުޒީއާއި އަމީލާގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުން ފެނުނެވެ. އެމީހުން އެކަކު އަނެކަކަށް އުފަލާއެކު ސަލާން ކޮށްލިއެވެ. އެވަގުތު ޑޮކްޓަރ އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތެވެ. އޭނާގެ ވަރުބަލިވެ ލޮޑުވެފައިވާ ދެފައިވެސް ނެގެނީ ދަމަމުން ކަަހަލަ ގޮތަކށް ކަންނޭނގެއެވެ.
"ހެއްވާ ޑޮކްޓަރެއްތާ، ދެން ވާން ޖެހޭ ގޮތެއްވެސް ބުނުމަކާ ނުލައި އެ ދިޔައީ ބޮޑާވެސް އިންސާނެކޭ…!" ފައުޒީ ރުޅިއައިސްފައި ބުނެލިއެވެ. އެވަގުތު އެތަނަށް އައިސް ހުއްޓުނީ ނަރުސް މުނާއެވެ.
ފެންކަޅިވެފައިވެ ހުރެ މުނާ ވާހަކަދެއްކިއެވެ. "އެ ބޮޑާ ކިބުރުވެރި، ނުލަފާ، ޑޮކްޓަރ އެދިޔައީ ކީއްކޮށްފައިކަން އެނގޭތޯ؟ ތިބޭފުޅާގެ ދަރިފުޅުގެ އެކްސިޑެންޓުގައި ޒަހަމްވި ދެވަނަ ކުއްޖަކީ ޑޮކްޓަރުގެ ހުރި ހަމައެކަނި ދަރިފުޅު. ތިބޭފުޅާގެ ދަރިފުޅުގެ އޮޕަރޭޝަނަށް ގޮވިއިރު ޑޮކްޓަރ އަޝްހަދުﷲ އޭނަގެ ހަމައެކަނި ހުރި ދަރިފުޅުގެ ޖަނާޒާއަށް ތައްޔާރު ކުރަން ހިނަވާގެއަށް ވަންނަން ތައްޔާރުވެފަ ހުރީ، އެއީ އެ ދަރިފުޅާއެކު ބައްޕައަށް ހޭދަކުރެވެން އޮތް އެންމެފަހުގެ ވަގުތުކޮޅު، އެކަމަކު އެވަގުތުކޮޅުވެސް އެހެންމީހަކަށް ދީފައި ކަތިލެވިފައިވާ ހިތަކާއެކު އައީ މިތަނަށް، އެ ތިއޭޓަރަށް، ހިތްހަލާކުވެ ގިސްލެވޭ ހާލުގައިވެސް ހެވިފައި ހުރެ އެ ދިޔައީ އެއްވާޖިބުގެ މައްޗަށް އަނެއް ވާޖިބު އިސް ކޮށް އަދާކޮށް ފުރިހަމަކޮށްފައި،"
ފައުޒީއާއި އަމީލާއަށް ހީވީ މޫނުމަތީގައި ހޫނު އެއްޗަކުން ޖެހި ހެނެވެ. ފައުޒީގެ ހިތުގައި ކުރިން އުފެދިފައިވާ ރުޅިވެރިކަމާއި ނުރުހުން ވަގުތުން ފިލައިގެން ދިޔައެވެ. އޭނާގެ ލޮލުން ކަރުނަ އައިސް، ހިތާމައިގެ އަޑަކުން ބުންޏެވެ. "އަސްތަޣުފިރުﷲ، އަހަރެން އެކުރީ ކިހާ ބޮޑު ފާފައެއް، އަހަރެންގެ ދަރިފުޅު ސަލާމަތްކުރުމަށް އެހާ ބޮޑު ޤުރުބާނީއެއްވި ޑޮކްޓަރަށް އަހަރެން ކަންތައްކުރީ ކޮންފަދަ އަނިޔާވެރި ނުބައި ގޮތަކަށް!!"
ފައުޒީ ބަލާލީ އެދިގު ކޮރިޑޯގެ ކުރިއަށެވެ. ކޮރިޑޯގެ ނިމޭކޮޅުން ގޮސް ލިފްޓު އަންނަން ދެން ހުއްޓިގެން ހުރި ޑޮކްޓަރާ ދިމާއަށް ފަައުޒީ ދުއްވައިގަތީ ކުޑަކުއްޖަކަށް ލޯބިވާ މީހަކު ފެނުނީމަ ދާހެނެވެ.
"ޑޮކްޓަރު، ޑޮކްޓަރ، އަޅުގަނޑު……މާފު…. އަޅުގަނޑު ކުރިން ދެއްކި ވާހަކަތައް….ތިވަޑައިގަންނަވަނީ، ސަ…ހަ..ރާއަށް. ޖަނާ.ޖަނާޒާ .." ފައުޒީ އަށްވެސް އެބަސްތައް ކިޔަން ފަސޭހަނޫނެވެ. ވީއިރު އެކަން ތަހައްމަަލުކުރި ޑޮކްޓަރގެ ހާލު ވަޒަން ވެސް ނުކުރެވޭނެއެވެ.
ޑރ. އަޝްހަދުﷲ ފައުޒީގެ ވާހަކަ ހުއްޓުވަމުން، ހިނިތުންވެލިއެވެ.. އޭނާގެ މޫނުމަތީގައި ވަރުބަލިކަމާއި ހިތާމައިގެ ނިޝާންތައް ފެންނަން ހުއްޓެވެ. އެހެންނަމަވެސް، އޭނާ މަޑުމައިތިރި އަޑަކުން ބުންޏެވެ.
"އެއީ އެއްވެސް ކަމެއް ނޫން. އަޅުގަނޑަށް އެނގޭ ތިބޭފުޅާގެ ހާލު. ދަރިފުޅުގެ ފުރާނަ ނުރައްކަލުގައި އޮތް ވަގުތެއްގައި ކޮންމެ މަޔަކުވެސް ބަފަޔަކު ވެސް ކަންބޮޑުވާނެ. އެއީ އަޅުގަނޑުގެ ވާޖިބު. އަޅުގަނޑުގެ ދަރިފުޅު ގެއްލުނު ނަމަވެސް، ތިބޭފުޅާގެ ދަރިފުޅު ސަލާމަތްވީތީ އުފާވޭ. އަޅުގަނޑުމެން އެންމެން ވެސް ﷲގެ ޙުކުމްފުޅަށް ކިޔަމަންވާން ޖެހޭނެ."
ފައުޒީގެ ލޮލުން ކަރުނަ އައިސް، ޑޮކްޓަރުގެ އަތުގައި ހިފައި ބުންޏެވެ. "ވަރަށް ބޮޑަށް މަޢާފަށް އެދެން. ޑޮކްޓަރ ތިވެދެއްވި ގުރުބާނީ އަގުނުކުރެވޭހާ ބޮޑު، އަމިއްލަ ދަރިފުޅުގެ ޖަނާޒާ ކުރިއަށް އޮތްއިރު ދަރިފުޅު ހިނަވާ ގޭގައި ހިނަވަން ވަންނަން ޖެހިފައި އޮއްވައި، އެވާޖިބު، އެންމެ ފަހު ވަގުތު ދަރިފުޅާ އެކުވާން މިދުނިޔެމަތީ ލިބޭނެ އެންމެ ފަހު ވަގުތުކޮޅު ދޫކޮށް ވަޑައިގެން އަޅުގަނޑުގެ ދަރިފުޅު ސަލާމަތް ކޮށްދެއްވަން އެވަރުގެ ބޮޑު ގުރުބާނީއެއް، ހިތާނަފުސުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން."
ޑރ. އަޝްހަދުﷲ ހިނިތުންވެލަމުން ހިންދިރުވައި ފުންނޭވާއެއް ލިއެވެ. "ޝުކުރުކުރުން އޮތީ ހަމައެކަނި ﷲގެ ޙަޟްރަތަށް. އެކަލާނގެ އިރާދަފުޅާއި މިންވަރުފުޅާ ނުލައި އެއްވެސް ކަމެއް ނުވާނެ."
ޑރ. އަޝްހަދުﷲ ފައުޒީގެ ކޮނޑުގައި އަތްޖަހާލަމުން ބުންޏެވެ. "އަޚާ، ހީވާ ކޮންމެ ހީވުމަކީ ތެދެއް ނޫން. ތިމާ ހިތަށްއަރާ ކޮންމެ ގޮތަކީ ރަނގަޅު ގޮތެއް ނޫން، ދުލުން ލަފުޒެއް ބޭރުކުރުމުގެ ކުރިން އަނެކާގެ ހާލަތު ދެނެގަންނަން ވާނެ. ފޮތެއްގެ ބަނޑޭރިގަނޑަކުން ފޮތުގައި ލިޔެވިފައި އޮތީ ކޮން ވާހަކައެއްކަމެއް ނޭނގޭނެ. މިތުރާއެވެ، ގޮތް ނިންމުމުގައި އަވަސްވެ ނުގަންނާށޭ ބުނާއަޑު އިވޭ، ދެއްތޯ!"
ފައުޒީގެ ހިތަށް އޭނާގެ ސުލޫކު ހުރި ގޮތް އެރުމުން ލަދުގަނެ ދެރަވެފައި އަނެއްކާވެސް ޑރ. އަޝްހަދުﷲގެ ކުރިމަތީގައި އިސްޖަހައިގެން ހުރެ މަޢާފަށް އެދެން ފެށިއެވެ. "ޑޮކްޓަރު، އަޅުގަނޑު ވަރަށް ބޮޑަށް މަޢާފަށް އެދެން. އަޅުގަނޑަކީ ވަރަށް ބޮޑު ކުށްވެރިއެއް. ތިބޭފުޅާގެ މާތްކަމާއި ކެތްތެރިކަމުގެ ކުރިމަތީގައި އަޅުގަނޑަކީ އެއްވެސް އެއްޗެއް ނޫން. އަޅުގަނޑުގެ ދަރިފުޅު ސަލާމަތްކުރުމަށް ތިހާ ބޮޑު ޤުރުބާނީއެއް ވެވަޑައިގަތް ބޭފުޅަކަށް އަޅުގަނޑު އެހެން ދެންނެވީތީ އަޅުގަނޑަށް ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެ."
ޑރ. އަޝްހަދުﷲ ފައުޒީ ތެދުކޮށް، އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ. "އަޚީ، ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް އަފޫ ކުރައްވާ. އަޅުގަނޑުމެން އެންމެންނަކީވެސް އެކަލާނގެ އަޅުން. އަޅުގަނޑުމެންގެ ތެރޭގައި ރަޙުމަތްތެރިކަމާއި އެކުވެރިކަން އުފެދިގެން ދިއުމަކީ އެކަލާނގެ އެދިވޮޑިގަންނަވާ ކަމެއް. ތިބޭފުޅާގެ ދަރިފުޅު ސަލާމަތްވީތީ އަޅުގަނޑު ވަރަށް އުފާވޭ. އަދި އަޅުގަނޑުގެ ދަރިފުޅު އީމާންގެ ފުރާނަ ﷲ އަށް ގެންދެވުނު ކަމުގައިވިޔަސް، އެއއީ އެކަލާނގެ ޙުކުމްފުޅު. އަޅުގަނޑުމެން އެކަމާ ރުހެން ޖެހޭނެ."
ފައުޒީއާއި އަމީލާ، އަދި އެތަނުގައި ތިބި އެހެން އެންމެންގެ ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. ޑރ. އަޝްހަދުﷲގެ މާތްކަމާއި ކެތްތެރިކަމުން އެންމެންނަށް ވެސް ވަރަށް ބޮޑު ފިލާވަޅެއް ލިބުނެވެ.
ނަރުސް މުނާ ކުރިއަށް އައިސް ބުންޏެވެ. "މިއަދު އަޅުގަނޑުމެން އެންމެންނަށް ވެސް ވަރަށް ބޮޑު ފިލާވަޅެއް ލިބިއްޖެ. އަޅުގަނޑުމެން އެންމެން ވެސް ދަސްކުރަން ޖެހޭނީ އަނެކުންނަށް ހެޔޮކޮށް ހީކުރަން. އަދި ކަމެއްގެ ހަގީގަތް ނޭނގި ވާހަކަދެއްކުމުގެ ނުބައިކަން މިއަދު ވަރަށް ރަނގަޅަށް ފެނިއްޖެ."
ފައުޒީ ފިޔަވަޅެއް ކުރިއަށް އަޅައި، ޑރ. އަޝްހަދުﷲގެ އަތުގައި ހިފައި ބުންޏެވެ. "ޑޮކްޓަރު، އަޅުގަނޑު މިއަދު ފެށިގެން ތިބޭފުޅާގެ ދަރިފުޅު އީމާންގެ ނަމުގައި ޚައިރާތެއް ކުރާނަން. އަދި ކޮންމެ ދުވަހަކު އޭނާއަށް ދުޢާ ކުރާނަން. އަޅުގަނޑުގެ ދަރިފުޅު ހުޒާމްގެ ފުރާނަ ސަލާމަތް ކޮށްދެއްވި ކަމަށްޓަކައި ތިބޭފުޅާއަށް ޝުކުރު އަދާކުރާނެ ގޮތެއް އަޅުގަނޑަކަށް ނޭނގޭ."
ޑރ. އަޝްހަދުﷲ ހިނިތުންވެލަމުން ބުންޏެވެ. "އަޚާ، ﷲ އަށް ޝުކުރުކުރޭ. ހައިރާތާއި ސޮދަގާތް އެކަލާނގެ ނަމުގައި އެކަލާނގެއަށްޓަކައި ކުރައްވާ، އެކަލާނގެ އިރާދަފުޅާ އެކު ހުރިހާ ކަމެއް ވެގެން ދިޔައީ. އަޅުގަނޑުމެން އެންމެން ވެސް އެކަލާނގެއަށް ޝުކުރުވެރި ވާން ޖެހޭނެ. އަދި އަޅުގަނޑުމެންގެ ދުނިޔެވީ ޙަޔާތުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ރަޙުމަތްތެރިވާން ޖެހޭނެ."
މިހުރިހާ ވަގުތަކު ހިމޭނުން ފެންކަޅިވެފައި ހުރި އަމީލާ ބުނެލިއެވެ. "ޑޮކްޓަރު، އަޅުގަނޑުމެންނަށް ތިބޭފުޅާގެ ދަރިފުޅު އީމާންގެ ޖަނާޒާގައި ބައިވެރިވެވިދާނެތޯ؟ އަމިއްލަ ދަރިއެކޭ އެއްފަދައަކުން ބޭނުން އެ ކުއްޖާއަށް ދުޢާކޮށް ތިބޭފުޅާއާއެކު ހިތާމައިގައި ބައިވެރިވާން."
ޑރ. އަޝްހަދުﷲގެ ލޮލުން ކަރުނަ އައިސް، އަޑު ތުރުތުރުއަޅަމުން ބުންޏެވެ. "ޝުކުރިއްޔާ ތިޔަ ހެޔޮ ހިތްތަކަށް. ތިޔަ ބޭފުޅުން ވަޑައިގަތުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އީމާންގެ ޖަނާޒާ އޮތީ މިއަދުގެ މަޣްރިބަށްފަހު."
ފައުޒީ އަވަހަށް ބުންޏެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންވެސް ދާނަން އަދި އަޅުގަނޑުމެންނަށް ވެވުނު އެހީތެރިކަމެއް ވާނަން."
އެ ދުވަހުގެ ހަވީރު، ފައުޒީއާއި އަމީލާ، އަދި ހޮސްޕިޓަލުގެ އެތައް މުވައްޒަފުންނެއް އީމާންގެ ޖަނާޒާގައި ބައިވެރިވިއެވެ. އެތައް ބަޔަކު ޑރ. އަޝްހަދުﷲއަށް ތަޢުޒިޔާ ކިޔައި، އޭނާގެ ކެތްތެރިކަމާއި އީމާންތެރިކަމުގެ ވާހަކަ ދެއްކިއެވެ.
ޖަނާޒާގެ ކަންތައްތައް ނިމުމަށްފަހު، ފައުޒީ ޑރ. އަޝްހަދުﷲގެ ގާތަށް ގޮސް ބުންޏެވެ.
"ޑޮކްޓަރު، އަޅުގަނޑު ނިންމައިފިން މާދަމާއިން ފެށިގެން އަޅުގަނޑުގެ ވިޔަފާރީގެ ފައިދާއިން ބައެއް ކޮންމެ މަހަކު ހޮސްޕިޓަލަށް ހަދިޔާކުރަން. އަދި އެ ފައިސާއިން ދަރިފުޅު އީމާންގެ ނަމުގައި ޚާއްޞަ ފަންޑެއް ހަދައި، ނިކަމެތި ބަލިމީހުންނަށް އެހީތެރިވާން. މިއީ ﷲއަށްޓަކައި އަޅުގަނޑުގެ ކުޑަކުޑަ ޝުކުރެއް."
ޑރ. އަޝްހަދުﷲ ހިނިތުންވެލަމުން ބުންޏެވެ. "އަޚާ… ﷲ ތިޔަ ހެޔޮ ނިޔަތަށް ބަރަކާތްލައްވާށި. މިފަދަ ހެޔޮ ޢަމަލުތަކުން އަޅުގަނޑުމެންގެ މުޖުތަމަޢު އިތުރަށް ހަރުދަނާވެގެންދާނެ. އަޅުގަނޑުމެން އެންމެން ވެސް ދަސްކުރަންވީ އެކަކު އަނެކަކަށް އޯގާތެރިވާން."
އެންމެން ހާލަތުގެ ވޭނުގައި ރޮއި އަޑުގަދަ ނުކުރެއެވެ. ހިމޭނުން ރިހުން ދިރުވާލައި، އިޙްސާސްގެ މައްޗަށް ޒިންމާގެ ވާޖިބު އިސްކުރާ މީހުންވެސް އުޅެއެވެ. ފޮތުގެ ބަނޑޭރިގަނޑަށް އިންސާފު ނުކުރާށެވެ. އަބަދުވެސް އަނެކާގެ ހާލަތު ދެނެގަތުމަށްފަހު، ރަޙުމަތްތެރިކަމާއެކު ކަންކަމާ ކުރިމަތިލާށެވެ.

