އެމްއެމްއޭއިން މިއަދު ގެޒެޓުކުރި ގަވާއިދާކީ 1987 ވަނަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދުގެ ބަދަލުގައި އަލަށް އެކުލަވައިލި ގަވާއިދެކެވެ.
މިއަދުން ފެށިގެން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް އަމަލުކުރަން ފެށުމާއެކު، ކުރިން އަމަލަކުރި މަނިޓަރީ ގަވާއިދު އުވުނީ އެވެ.
މި ގަވާއިދުގައި ބުނެފައިވަނީ ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ކުރަންވަނީ ދިވެހި ރުފިޔާއިން ކަމަށެވެ. ނަމަވެސް އެ އުސޫލުން އިސްތިސްނާވާ ކަންތައްތަކެއް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އަންނަނިވި ކަންކަމުގައި ބޭރު ފައިސާ ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
- ގަވާއިދެއް/ ގާނޫނެއްގެ ދަށުން ބޭރު ފައިސާއިން ސަރުކާރަށް/ދައުލަތަށް ދައްކަންޖެހޭ ފައިސާ
- ބާންކުތަކާއި ފައިނޭންސް ކުންފުނިތައް/ ރެމިޓެންސް ހިދުމަތްދޭ ކުންފުނިތަކުގެ ހިދުމަތްތަކާ ގުޅިގެން ކަސްޓަމަރުންނާ ކުރާ މުއާމަލާތްތައް
- ޓޫރިޒަމް ވިޔަފާރިތަކަށް އިންޝުއަރޭންސް ހިދުމަތްދޭ ކުންފުނިތަކުން ކަސްޓަމަރުންނަށް ގިއްކާ ޕޮލިސީތަކާ ގުޅިގެން ކަސްޓަމަރުންނާއި އިންޝުއަރެންސް އިންޓަމީޑިއަރީތަކާއި ކުރެވޭ މުއާމަލާތްތައް
- ބައިނަލްއަގުވާމީ މުއާމަލާތްތައް
- ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
- އެކްސްޕޯޓު ކުރާ މުދަލާއި ހިދުމަތުގެ އަގު
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން މުދަލާ ހިދުމަތަށް ބޭރު ފައިސާއިން އަގު ދެއްކުން
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއް ޑިވިޑެންޑު ދިނުމާއި ހިއްސާދާރުންގެ މެދުގައި ކުރާ މުއާމަލާތްތަކާއި ގުޅުންހުރި އެހެން ފަރާތްތަކާ ކުރާ މުއާމަލާތްތައް
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެ ވިއްކުން
- ބޭރު ފައިސާއިން އާމްދަނީ ވިޔަފާރިއަކުން ބޭނުންނަމަ މުސާރައާއި އިނާޔަތްތައް ދިނުން
- ޑިއުޓީ ފިހާރަތަކުން ޓޫރިސްޓުންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
އެ ގަވާއިދުގެ ދަށުން މީރާގައި ރަޖިސްޓްރީވެފައިވާ ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދި އަލަށް މީރާގައި ރަޖިސްޓްރީވާ ޓޫރިޒަމް ވިޔަފާރިތަކަށްވެސް މީރާގައި ރަޖިސްޓްރީކުރާތާ 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަންޖެހޭނެ އެވެ.
ރަޖިސްޓްރީކުރާ މަހާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ ހިދުމަތްތަކާއި ވިއްކާ މުދަލުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރަންޖެހެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ރާއްޖޭގެ ބޭންކެއްގައި ހުންނަ އެ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރަންވާނެ އެވެ. އަދި ބޭންކަށް ފައިސާ ޖަމާކުރުމަށްފަހު، ޖަމާކުރިކަން ބޭންކަށް ހުށަހަޅަންޖެހޭނެ އެވެ.

