މާދަމާ ހިފާ އެނޫލާ އިރުކޭތައަށްފަހު ދެން އިރުކޭތައެއް އެންމެ އަވަހަށް ހިފާނީ އަންނަ އަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހު ކަމަށް އިޢުލާނު ކޮށްފިއެވެ.
މާދަމާ ހިފާ އިރުކޭތައަކީ އެނޫލާ އިރުކޭތައެކެވެ. މި އިރުކޭތަ ހިފާއިރު، އިރާއި ދުނިޔެއާ ދެމެދަށް ހަނދު ފުރިހަމައަށް ރަހަވާނެއެވެ. އިރުގެ ކުރިމަތީގައި ހަނދު ދުނިޔެއާ އެއް ސަފަކަށް ސީދާ ރަހަވެ، ހަނދުގެ ވަށައިގެން އިރުގެ އަލި ފެންނާނީ ވަށް ބުރެއް ހެންނެވެ.
ނަމަވެސް، މާދަމާ ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެކަމަށް ވަނީ އަންގާފައެވެ. މ. މި އިރުކޭތަ ފުރިހަމައަށް ފެންނާނީ ސައުތު އެމެރިކާގެ ބައެއް ސަރަހައްދުތަކަށެވެ. އަދި ފަޅި އިރުކޭތައެއްގެ ގޮތުގައި ސައުތު އެމެރިކާގެ އިތުރުން އެންޓާކްޓިކާ އާއި ނޯތު އެމެރިކާއަށް ފެންނާނެއެވެ.
ރާއްޖެއަށް އެންމެ އަވަހަށް އިރުކޭތައެއް ފެންނާނީ 2027 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ދެވަނަ ދުވަހު ހިފާ އިރުކޭތައެވެ. އަދި ދެން އެންމެ އަވަހަށް ހަނދު ކޭތައެއް ރާއްޖެއަށް ފެންނާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ހިފާ ފުރިހަމަ ހަނދުކޭތައެވެ.
މި މަޢުލޫމާތު ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ތަރިވިދާ ޖަމްޢިއްޔާއިންނެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް އެ ޖަމްޢިއްޔާގެ ވެބްސައިޓަށް ޒިޔާރަތްކުރުމަށް ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

