މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ކްލައުޑިއާ ޝެއިންބައުމްއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މަރުހަބާ ވިދާޅުވެ ރައީސް ފޮނުއްވި މެސެޖުގައި ވަނީ އިންތިޚާބުގައި ކްލައުޑިއާ ހޯއްދެވި ކާމިޔާބީން ދައްކައިދެނީ އެކަމަނާގެ ހިންގުންތެރިކަމާއި، މެކްސިކޯގެ މުސްތަގުބަލަށް ގެންގުޅުއްވާ ތަސައްވުރަށް ގައުމުގެ ރައްޔިތުން ކުރާ އިތުބާރުކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އަންނަ އަހަރަކީ ދިވެހިރާއްޖެއާ މެކްސިކޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމަށްވާއިރު، ދެގައުމުގެ ދެމެދުގައި ގުޅުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން ވަނީ މެކްސިކޯގެ އައު ރައީސާއަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސް ކުރައްވައިފައެވެ.

