މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތު ހާސިލުކުރުމަށް
ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ) އެއް ގާއިމުކޮށްފިއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ހާސިލުކުރުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި މި އެސްއޯޕީ ގާއިމުކުރެވުނީ އިއްޔެ ކަމަށެވެ.
މިއީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަސްޓަމްސްއިން ބަލައި ފާސްކުރުމާއި، ކޮންޓްރޯލްޑް ޑެލިވަރީ ހިންގުމަށް ފުލުހުންނަށް ތަކެތި ހަވާލުކުރުމުގައި އަމަލުކުރާނެގޮތުގެ އެސްއޯޕީއެއް ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި ކަސްޓަމާއި މޯލްޑިވްސް އެއާޕޯސްޓް ކޮމްޕެނީ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި މަސައްކަތުގެ ތެރެއިން މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ޑޯގް ސްކޮޑް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވެފައިވެއެވެ.

