މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި އެކްސިޑެންޓުތައް މަދުކުރުމާއި މާލޭގެ މަގު ތަކަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ފަހިރާސްތާ ޕްރޮގްރާމް ރަސްފަންނުގައި ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ. އަދި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެކްސިޑެންޓުތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.
އޭގެ އިތުރުން، މަގުމަތީގެ އަދަބުތަކުގެ މައުލޫމާތު ވެސް ދީފައިވެއެވެ. މައުލޫމާތުދީފައިވަނީ މީހުންނާ ބައްދަލުކޮށް ކިޔައިދީގެންނާއި ކުރެހުމާއި ޕޯސްޓަރު މެދުވެރިކޮށް އަދި ލީފްލެޓް މެދުވެރިކޮށް ވެސް މައުލޫމާތުދީފައިވެއެވެ. އަދި މަގުމަތީގެ އަދަބުތަކާގުޅޭ ލަވަ، ބަނދި އަދި އޯޑިއޯ ކްލިޕް މެދުވެރިކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ވެސް މައުލޫމާތުދީފައިވެއެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭހެން ގިނަބަޔަކަށް މައުލޫމާތުދީފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުންނެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ފުލުހުންނަށް ލިބިފައިވެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މަގުމަތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރިތަނަކަށް ހެދުމަށް ހާއްސަ މަަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ.
އެގޮތުން ފުލުހުން ވަނީ މިދިޔަ މަހުގެ 27ވަނަ ދުވަހުމާލެ ޕޮލިސް ކޮމާންޑުން ޚާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ.
މި ޚާއްސަ އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުންތައް، އިތުރަށް ހަރުދަނާކަމާއެކު ތަންފީޒުކޮށް، މާލޭގެ މަގުތައް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމެވެ. އެގޮތުން، މަގުމަތީގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކޮށް މަގުމަތީގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ހަމަޖެހިފައިވެއެވެ.
އޮޕަރޭޝަން ފެށުމާއެކު، މާލެ ޕޮލިސް ކޮމާންޑުގެ ހެޑާއި، ވިންގުތަކުގެ ވެރިންނާ އަދި މާލެ ޕޮލިސްގައި މަސައްކަތްކުރާ އެންމެހައި އޮފިސަރުން މަގުމަތީ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ބައިވެރިވެފައިވެއެވެ.

