މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން އިތުރު 187 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މާލޭގެ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މި މަސައްކަތަކީ މާލޭގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހަދައި، މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެކެވެ.
މި މަސައްކަތުގެ ތެެރެއިން ވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އިތުރު 187 އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އޭގެތެރޭގައި އެންމެ ގިނައީ މޮޓޯ ސައިކަލެވެ. މީގެއިތުރުން ހިމެނެނީ ސްކޫޓަރާއި ބައިސްކަލެވެ.
މި އުޅަނދުތައް ނެގި ތަންތަނާއި ރަޖިސްޓްރީ ނަންބަރުގެ މައުލޫމާތު ގެޒެޓްކޮށް، ފުލުހުން މިއަދު ވަނީ އުޅަނދުތަކުގެ ވެރި ފަރާތުން މިއަދުން ފެށިގެން 60 ދުވަހުގެ ތެރޭގައި ގެންދިއުމަށް އަންގާފައެވެ.
މި މުއްދަތުގައި ނުގެންގޮސް ހުންނަ
އުޅަނދުތައް، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ހަމަޖެހިފައިވާ އުސޫލުގެ މަތިން ނައްތާލުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

