ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސްލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި މިހާތަނަށް 36,000 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މި ޕްރޮގްރާމް އިފުތިތާހުކޮށްދެއްވީ
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާ ގުޅިގެން މިދިޔަ ޖޫންމަހުގެ ފަސްވަނަ ދުވަހުއެވެ.
މި މަޝްރޫއުގައި ބައިވެރިވެ ކުރިއަށް އޮތް ފަސްއަހަރު ގަސް އިންދުމުގެ ހަރަކާތް ހިންގުމަށް ސްޓެލްކޯއިން އެ ދުވަހު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން މަދުވެގެން ފަސްލައްކަ ގަސް އިންދުމަށް ވަނީ ނިންމާފައެވެ.
ސްޓެލްކޯއިން މިއަދު ބުނީ މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 36،825 ގަސް އިންދިފައިވާ ކަމަށެވެ.
އެހެންކަމުން ފަސްލައްކަ ގަސް އިންދުމުގެ އަމާޒަށް ވާސިލުވުމަށް ދެން އިންދަންޖެހޭނީ 463,175 ގަހެވެ.
ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.

