ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު މިއަދު ހއ.އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.
ފުލުހުން މިއަދު ބުނީ ސީޕީގެ މި ދަތުރުފުޅުގައި، ހއ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
މި ބައްދަލުވުންތަކުގައި، ރަށްރަށުގެ ކުށުގެ ހާލަތު ބައްލަވައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ފުލުހުންނާ ގުޅިގެން ކުރެވެންހުރި ކަންކަމާމެދު މަޝްވަރާކުރައްވާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ކުށްމަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރުމަށާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދަތުރުފުޅުގެ ތެރެއިން ސީޕީ މިހާރު ވަނީ ހއ.އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފައެވެ.
ސީޕީގެ މި ދަތުރުފުޅުގައި ދިއްދޫ، ކެލާ، އުތީމު، ބާރަށް، ފިއްލަދޫ، ތަކަންދޫ، މާރަންދޫ، ހޯރަފުށި، ތުރާކުނު، އުލިގަން އަދި އިހަވަންދުއަށް ވަޑައިގަންނަވާނެއެވެ.
މިއަދުން ފެށިގެން މި މަހު 7 އަށް ކުރިއަށް ގެންދާ މި ދަތުރުފުޅުގައި ސީޕީގެ އަރިހުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

