އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ އިތުރު 16 ބޭހެއްގައި ކޮލިޓީގެ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިއްޖެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ސަރުކާރުގެ ގެޒެޓުގައި އާންމުކުރި އިއުލާނެއްގައި ބުނީ އިންޑިއާގެ އެކި ކުންފުނިތަކުން އުފައްދާފައިވާ އިތުރު 16 ޕްރޮޑަކްޓަކުން ގިނަ ކޮލިޓީގެ މައްސަލަތައް ފާހަގަ ކުރެވިފައިވާތީ، އިންޑިއާގެ ބޭސް ރެގިއުލޭޓްކުރާ މައި އިދާރާ ސީޑީއެސްސީއޯއިން އެލާޓް ކޮށްފައިވާ ކަމަށެވެ.
އެމްއެފްޑީއޭގެ އިއުލާނާއެކު ވަނީ ސީޑީއެސްސީއޯއިން އެލާޓް ކޮށްފައިވާ ބޭހުގެ ލިސްޓް އެއްކަރުދާސްކޮށްފައެވެ.
އެމްއެފްޑީއޭއިން ބުނީ ސީޑީއެސްސީއޯގެ މި އެލާޓާ ގުޅިގެން ރާއްޖޭގެ މާކެޓުގައި އަދި އެޕްރޫވްޑް ޑްރަގް ލިސްޓުގައި މި ބޭސްތައް ހިމެނޭތޯ ބެލުމަށް އެ އޮތޯރިޓީގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކޮށް މާކެޓް އިވެލުއޭޝަން ހަދާފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން، އެ ލިސްޓުގައި ހިމެނޭ އެއްވެސް ބޭހެއްގެ އެއްވެސް ބެޗެއް، ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައި ނުވާކަން ޔަގީންކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި، ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އިންޑިއާ އިން ބޭސް އެތެރެކުރާތީ، މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
އެ އޮތޯރިޓީން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް ބޭސް އިމްޕޯޓްކުރާ ޕޯޓުތަކުގެ އިންސްޕެކްޝަންތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ބޭސްތައް އެތެރެވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ވެސް ދީފައެވެ.
އިންޑިއާއިން އުފައްދާ 48 ބޭހެއްގެ ކޮލިޓީގެ މައްސަލަތައް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އިއްޔެ ވަނީ އިލްތިމާސްކޮށްފައެވެ.

