މާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކު ވިއްސައިގެންގޮސް ބޮލަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 10:11 ހާއިރު އެވެ. ސިނަމާލެ ބްރިޖުން ފައިބައިގެން ކޮއިމަލާ ހިނގުމަށް އެޅި ސައިކަލަކާއި ބޮޑުތަކުރުފާނު މަގުން ބްރިޖާ ވީ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.
މި އެކްސިޑެންޓްގައި ސައިކަލް ފަހަތުގައި އިން އަންހެނަކު ވިއްސައިގެންގޮސް ވެއްޓި، ބޮލަށް އަނިޔާވެފައިވެ އެވެ. އަނިޔާވި އަންހެން މީހާއަށް ފަރުވާ ދިނުމަށްޓަކައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވި އެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެ އެވެ.
ފުލުހުންގެ ފަރާތުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
މާލެ ސަރަޙައްދުގައި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، 24 ގަޑިއިރު ފުލުހުން މަގުތަކުގައި ހަރަކާތްތެރިވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓްތަކުގައި ބައެއް މީހުން މަރުވެފައިވާކަން ފާހަގަކޮށްލެވެ އެވެ..

