މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅުމުގެ ތުހުމަތުގައި ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. މި ދެ މީހުން ހައްޔަރުކުރީ ދެ މައްސަލައެއްގައެވެ.
42 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ހުރި ދިމާ ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ފްރަންޓް ޕޮކެޓް ތެރޭގައިި އޮތް ކަރުދާސް ތަށްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އަދި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށެވެ.
ނަމަވެސް ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނެފައިވާ ކަމަށް އަމުރުގައި ފާހަގަކޮށްފައިިވެއެވެ.
25 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ވައްޓާލި ދެ ރަބަރު ޕެކެޓުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ދީފައިނުވާ ކަމަށް ވެސް އަމުރުގައި ފާހަގަކޮށްފައިިވެއެވެ.

