ކުރިއަށް އޮތް ދެ ހަފުތާގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އާއި ހުޅުމާލޭގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްއިން މިއަދު ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް އޮކްޓޫބަރު 05 އިން 18 އަށް އޮންނާނެ ކަމަށެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މި ތަމްރީނުތައް ކުރިއަށްދާނީ ހުޅުމާލެ ފޭސް 3، ފަރުކޮޅުފުށި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާރމިނަލް ކުރިމަތި) ގައެވެ.
މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، ލައިވް ވަޒަނާއި ގޮވާ ޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް ބޭނުމެއް ނުކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

