ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ދިވެހިންގެ ސުލްހަވެރި އޮމާން ގޮތްތައް ހިފަހައްޓަންޖެހޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބާގައި ސޯޝަލްމީޑިއާގައި ރައީސް ޑރ. މުޢިއްޒު ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށާއި، އެކުވެރިކަމާއި، ހިތްހެޔޮކަމާއި، އަމާންކަމާއި، ރައްކާތެރިކަން ކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހިންގެ ސުލްހަވެރި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެކަން ފާހަގަކުރައްވަމުން މީގެކުރިން ރައީސް ވަނީ ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އިންވެސްޓަރުން ބަލައިގަންނަ ފަދަ ތަނަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
މުޅި ރާއްޖޭގައި މަދުވެގެން 20 ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަހަރު ފައްޓާވާނެ ކަމަށާއި، އޭގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެކަމުގައި ވެސް ރައީސް ވިދާޅުވެފައިވެއެވެ.

