ފުވައްމުލައް ސިޓީގެ މަގު ބައްތިތަކާއި، އާންމު ސަރަހައްދުތަކުގައި ހުންނަ ބައްތިތައް "ސްމާޓް ލައިޓިންގ" އަށް ބަދަލުކުރުމުގެ ގޮތުން ޓެސްޓު ކުރުމަށް ހިންގާ ޕައިލެޓް ޕްރޮޖެކްޓް ފަށައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ނެރުނު މީޑިއާ ބްރީފްގައި ބުނީ ޒަމާނީ ފަންނިއްޔާތާއި ރަށްޓެހި ސިޓީއަކަށް ފުވައްމުލައް ސިޓީ ބަދަލުކުރުމުގެ ގޮތުން އެ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހިންގާ މި ޕްރޮޖެކްޓްގެ އެހީގައި، އެ ސިޓީގެ މަގު ބައްތިތަކާއި އާންމު ތަންތަނުގައި ހުންނަ ބައްތިތައް ދިއްލުމާއި، ނިއްވުމާއި، އޭގެ އަލި ކޮންޓްރޯލް ކުރުމާއި އެއަށް ދިމާވާ މައްސަލަތައް ފަސޭހައިން އެނގިގެންދާނެ ކަމަށެވެ.

ސްމާޓް ލައިޓިންގ މޮނިޓަރިންގ ސިސްޓަމް. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
މި ޕްރޮޖެކްޓް ޓެސްޓު ކުރުމުގެ ގޮތުން، މިވަގުތު އެ ސިޓީގެ ދެ މަގުބައްތިއަކާއި ކުޅިވަރު ކުޅޭ ހަތަރު ދަނޑުގެ 20 ބައްތި ބަދަލުކުރެވިފައިވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުންޏެވެ.
އާންމު މަގު ބައްތިތަކަށްވުރެ، ތިމާވެށްޓާއި ރަށްޓެހި މި ބައްތިތަކުގެ ސަބަބުން ބައްތިތަކަށް ކުރަންޖެހޭ ޚަރަދު ކުޑަކުރެވޭއިރު، އަހަރެއްގެ މައްޗަށް އެއް މިލިއަނާއި، ދެ މިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ޚަރަދުން ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މީޑިއާ ބްރީފްގައި ބުނެފައިވެއެވެ.
މި ޓެސްޓްތަކަށް ފަހު މި އަންނަ އަހަރުން ފެށިގެން ބައްތިތަށް ސްމާޓް ލައިޓަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިގެންދާނެ. ކައުންސިލްގެ ޕްލޭނަކީ ދެއަހަރު ތެރޭ ސްމާޓް ލައިޓަށް ބަދަލުކޮށް ނިންމާލުން.
ކައުންސިލުން ބުނީ މި މަސައްކަތް ކައުންސިލް ބަޖެޓުން ފެށި ނަމަވެސް، ކުރިއަށް އޮތްތަނުގައި މި ޕްރޮޖެކްޓަށް އެހީ ހޯދުމަށް ފަންޑު ދޭ ފަރާތްތަކުގެ އެހީ ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ސްމާޓް ސިޓީއަކަށް ފުވައްމުލައް ސިޓީ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން. ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް
ފުވައްމުލައް ސިޓީ ކައުންސިލުން އިތުރަށް ބުނީ ފަންނިއްޔާތު ކުރިއަރުވައި، އެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް ލިބިގަތުމަށް ލުއިފަސޭހަ ޚިދުމަތަކަށް ހެދުމުގެ ގޮތުން މިހާތަނަށް އެ އިދާރާއިން ފޯރުކޮށްދޭ 95 އިންސައްތަ ޚިދުމަތް އޮންލައިން ކުރެވިފައިވާ ކަމަށެވެ. އަދި އެ ސިޓީގެ މުނިސިޕަލް ޚިދުމަތްތަކާއި ގުޅުންހުރި ކަންބޮޑުވުންތައް ހިއްސާކުރެވޭ ގޮތަށް "އަފުން ސިޓީ" ޕޯޓަލް ބޭނުންކުރަމުންދާކަން ވެސް ފާހަގަކުރިއެވެ.
މީގެ އިތުރުން ސިޓީއާއު ގުޅުންހުރި ކަންތައްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ’އަފުން އަޑޮ، ޕޯޓަލް ލޯންޗުކޮށް ބޭނުންކުރަމުންދާކަމަށް ވެސް މީޑިއާ ބްރީފްގައި ބުނެފައިވެއެވެ.
ސްމާޓް ސިޓީއަކަށް ފުވައްމުލައް ސިޓީ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

