ޕާކިންގ ބިލްޑިންގތައް އެޅުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުޙައްމަދު އަމީނެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
މާލެއަށް ދިމާވެފައިވާ ޕާކިންގ މައްސަލަ ހައްލު ކުރުމަށްޓަކައި ޕާކިންގ ބިލްޑިގތައް އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަމާން ރައްކާތެރި ތަނަކަށް މާލެ ހެދުމަށްޓަކައި ކުރެވޭ މަސައްކަތެކެވެ.
ޕާކިންގ ބިލްޑިންގތަކުގެ ސަބަބުން މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުން އަދި ޕާކިންގ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފައެވެ.
އެޗްޑީސީއިން ހާމަކުރި ގޮތުގައި ހުޅުމާލޭގައި އަޅާ 15 ޕާކިންގ ބިލްޑިންގ ގައި 4000 އުޅަނދު ޕާކްކުރެވޭނެއެވެ.
މިހާރު ހުޅުމާލޭގައި ހަދާފައިވާ މެކޭނިކަލް ޕާކިންގ ސިސްޓަމްތައް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް އަވަސް މުސްތަގްބަލެއްގައި އެތަންތަނަކީ ޕާކުކުރުމަށް ބޭނުން ކުރެވޭނެ ތަންތަން ކަމުގައި ހެދިގެންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިހާރު ހުޅުމާލޭގައި 8 މެކޭނިކަލް ޕާކިންގ ސިސްޓަމް ހުރިއިރު،
މި މެކޭނިކަލް ޕާކިންގ ސިސްޓަމްތަކުގައި 255 ވެހިކަލް ޕާކުކުރެވޭނެއެވެ.
މިއީ މާލެފަހި ޕްރޮގްރާމްގެ ދަށުން ޕާކިންގ ގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މުހިއްމު ބޮޑު މަސައްކަތެއްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓް ފެށުމަށް ވާންޖެހޭ ތައްޔާރީތަށް ދަނީ ވަމުންދާ ކަމަށާއި މި ޕްރޮޖެކްޓަކީ ސަރުކާރުގެ ކުންފުނިތަކުގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދެވޭ ޕްރޮޖެކްޓެއް ކަމަށެވެ.

