ހުޅުމާލެ ދެވަނަ ފިޔަވަހިން ސިނާއީ ބޭނުމަށް ބިން ވިއްކުމަށް ނިންމައި، ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ބިންތަކުގެ ތެރޭގައި ހިމެނެނީ 3689 އަކަފޫޓާއި 3746 އަކަފޫޓާ ދެމެދުގެ 12 ބިމެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ބިން ވިއްކުމަށް ހަމަޖެހިފައިވަނީ އެ ފިޔަވަހީގެ އިންޓަގްރޭޓެޑް ހަބްގެ ގޮތުގައި ތަރައްގީކުރަން ކަނޑައަޅާފައިވާ ސަރަހައްދުން ކަމަށެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނެފައިވަނީ ބިން ވިއްކުމަށް ނިންމާފައިވަނީ 18 އަހަރުން މަތީގެ ދިވެހިންނަށް ކަމަށާއި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 100 އިންސައްތަ ދިވެހިންގެ އޮންނަ ކުންފުނިތަކަށް ވެސް ބިން ގަނެވޭނެ ކަމަށެވެ.
ބީލަން ފެށޭނީ 7500 ރުފިޔާއަށް ކަމަށާއި ކޮންމެ ފަރާތަކަށް ގިނަވެގެން ގަނެވޭނީ 3 ބިމެވެ. އަދި އެއް ފަރާތަކަށްވުރެ ގިނަ ފަރާތުން އެއް ބިމަކަށް ޝައުގުވެރިކަން ފާޅުކޮށްފިނަމަ އެ ބިމެއް ވިއްކާނީ އެންމެ މަތީ އަގު ހުށަހަޅާ ފަރާތަކަށެވެ.
ބިންތަކާގުޅޭ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ބެލުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

