ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް ހިނގައްޖެނަމަ ރައްޔިތުން މާޔޫސްކޮށް ނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ސީޕީ ޝުޖާއު ހއ.އަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައިވާ ކަމަށެވެ.
މި ޒިޔާރަތުގައި އެ ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވި ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.
ފުލުހުންނާއެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުންތަކުގައި ސީޕީ ވަނީ ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ކައިރިއަށް ހިނގައްޖެނަމަ ރައްޔިތުން މާޔޫސްކޮށް ނުލެއްވުމަށް އިރުޝާދު ދެއްވާފައެވެ.
މީގެ އިތުރުން ރައްޔިތުންނާ ބައްދަލުވެ، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އެދިވަޑައިގެންނެވިއެވެ. އަދި ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ފުލުހުންގެ ދައުރު މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
ސީޕީ ޝުޖާއު ހއ.އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ރަށްރަށުގެ ކުށުގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

