ތައުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ދަރިވަރުން، އެ ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު އެދިވަޑައިގެންފިއެވެ.
ޑރ. ހާލާ މިހެން ވިދާޅުވީ ތުރުކީއިން ދިވެހި ދަރިުވަރުންނަށް ލިބިފައިވާ ސްކޮލޮޝިޕްތަކުގައި ކިޔެވުމަށް މިހާތަނަށް ފުރުސަތު ލިބި، ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ބޭއްވި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ޑރ. ހާލާ ވިދާޅުވީ ތައުލީމު ހާސިލުކުރުމަށް ފުރާ ދަރިވަރުން އެމްބަސީގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. އޭރުން ދިމާވާ ކަންކަމުގައި އެމްބަސީއިން ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީ، މުއާމަލާތްކުރުމަށް ފަސޭހަވެގެންދާނެކަމަށް ވެސް ޑރ. ހާލާ ވިދާޅުވިއެވެ.
މީގެއިތުރުން ޑރ. ހާލާ ދެއްކެވި ވާހަކަފުޅުގައި ވަނީ ތުރުކީގައިވާ ދިވެހިރާއްޖޭގެ އެންބަސީއިން އެ ގައުމުގައި، މަތީ ތައުލީމު ހާސިލު ކުރަމުންދާ އެންމެހާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީކަން ދެއްވައިފައެވެ.
ދަރިވަރުންނާއި މުޚާތަބުކުރައްވައި ޑރ. ހާލާ އިތުރަށް ވިދާޅުވީ ތުރުކީވިލާތުގައި މަތީ ތައުލީމު ހާސިލުކުރަމުންދާއިރު، އެ ގައުމުގެ އާދަކާދައާއި ސަގާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް ވެސް މުހިއްމު ކަމެއް ކަމަށެވެ.

