އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އޯޓިޒަމް ދެނެގަތުމަށް ހާއްސަ ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ ހިދުމަތް ދޭން ފަށައިފިއެވެ.
އައިޖީއެމްއެޗްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޑރ. ފަޒުނާ ކިޔަވާ ނިންމުމަށްފަހު އެނބުރި ވަޑައިގެން އެ ހޮސްޕިޓަލުގައި ބަލިމީހުން ބެއްލެވުމަށް ފައްޓަވާފައިވާ ކަމަށެވެ. އަދި ޑރ. ފަޒުނާ ހާއްސަ ވެފައިވަނީ ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމްއާއި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަތުމުގެ ދާއިރާއިން ކަމަށް އައިޖީއެމްއެޗްއިން ހާމަކޮށްފައިވެއެވެ.
އައިޖީއެމްއެޗްގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، ކުޑަކުދިންގެ ކިބައިގައި ހުންނަ އޯޓިޒަމް އަދި އޭޑީއެޗްޑީ ފަދަ ބަލިތައް ދެނެގަންނަން ހަދާ ބޭލޭ-4 އާއި އޭޑީއޯއެސް-2 ފަދަ އެސެސްމެންޓުތައް ޑރ. ފަޒުނާ ހައްދަވާނެ ކަމަށެވެ.
ޑރ. ފަޒުނާގެ ތަޢުލީމީ ފަންނުވެރިކަމާ ބެހޭގޮތުން އައިޖީއެމްއެޗްއިން ހާމަކޮށްފައިވަނީ، އޭނާ މި ދާއިރާއިން ތައުލީމާއި ތަމްރީނު ހާސިލުކޮށްފައިވަނީ މެލޭޝިއާގެ ނެޝަނަލް ޔުނިވަރސިޓީންނާއި އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިން ކަމަށެވެ.
މި ހިދުމަތް ފެށުމާއެކު، ރާއްޖޭގައި އޯޓިޒަމް އަދި އެހެނިހެން ނިއުރޯޑިވެލޮޕްމެންޓަލް ޑިސްއޯޑަރތައް ދެނެގަތުމާއި ފަރުވާ ދިނުމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ. މިއީ ހާއްސަކޮށް ކުޑަކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެކެވެ.

