ދިވެހި ބޭސްވެރިޔާ އަދި ސަރުކާރުގެ އެކި އިދާރާތަކުގައި އިސްމަގާމުތައް ފުރުއްވާފައިވާ އަބްދުލްމަޖީދު މާހިރު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ، “ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ޤަދަރުވެރި، ޚިދުމަތްތެރި، ތަޖުރިބާކާރު ހަރުދަނާ ޝަހުސިއްޔަތެއް ކަމުގައިވާ ޢަބްދުލްމަޖީދު މާހިރު އަވަހާރަވި ހަބަރު އަޑު އެހީއްސެވީ ފުން ހިތާމައާއެކުގައި” ކަމަށެވެ.
މަރުޙޫމް ޢަބްދުލްމަޖީދު މާހިރަކީ މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބޭސްވެރި ޙަކީމެއްގެ އިތުރުން، ދިވެހި ތާރީހާއި އާދަކާދައިގެ އެތައް މަޢުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޛެކެވެ. އަދި ގައުމަށް ހިދުމަތްތެރި އިލްމީ ގާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެކެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ، “މަރުޙޫމް ޢަބްދުލްމަޖީދު މާހިރުގެ ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރުކުރައްވާށިއެވެ. އަދި ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ލަހައްޓަވާށިއެވެ. އާމީން” މިފަދައިންނެވެ.
މީގެއިތުރުން، ރައީސް ޑރ. މުއިއްޒު ވަނީ މަރުޙޫމް މާހިރުގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ތައުޒިޔާ ވިދާޅުވެފައެވެ.

