އުތުރު މެރިޓައިމް ސަރވިސް (ޔޫއެމްއެސް) ގެ ޚިދުމަތް ހޯދުމަށް ފުރަތަމަ އުޅަނދު އިހަވަންދިއްޕޮޅަށް ބަނދަރުކޮށްފިއެވެ.
އަބޫދާބީއިން ފުރައިގެން ޗައިނާއަށް ދަތުރުކުރަމުންދާ "ޖިއަން ޖީ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރު އިހަވަންދިއްޕޮޅުގައި ބަނދަރުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. މިއީ ޕެނަމާއަށް ނިސްބަތްވާ ތެޔޮ ޓޭންކަރެކެވެ.
އުލިގަމުގައި ހަދާފައިވާ "ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު މިއަދު ހަވީރު ބާއްވައިފައިވާއިރު، މި ބޯޓުގެ ކުރޫ ޗޭންޖްވާ ފަޅުވެރިން ވަނީ އުލިގަމަށް ފައިބައި، ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައަމަދު ވަޖީހް އިބްރާހިމާއި، ހޯރަފުށި ދާއިރާގެ މެމްބަރު ޢަލީ މޫސާއާއި އުލިގަން ކައުންސިލްގެ ރައީސް އަޙްމަދު މުއާޒް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.

"ސީމަންސް ރެސްޓް އޭރިޔާ" ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. ފޮޓޯ: އެމްޕީއެލް
ސީމަންސް ރެސްޓް އޭރިޔާއަކީ އުލިގަމުގައި އެމްޕީއެލްއިން ގާއިމުކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެރެވާ އުޅަނދު ފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލުމަށް ހަދާފައިވާ ތަނެކެވެ.
އެމްޕީއެލްއިން ބުނީ އިހަވަންދިއްޕޮޅަށް މިއަދު ބަނދަރުކުރި އުޅަނދުން ވަނީ ޔޫއެމްއެސްގެ ޚިދުމަތުގެ ދަށުން ކްރޫ ޗޭންޖްގެ ޚިދުމަތާއި ފެނާއި ސަޕްލައި ކުނި ނައްތާލުން އަދި ބައެއް ސްޕެއަރ ޕާޓްސް ހޯދުމަށް އެދިފައިވާ ކަމަށެވެ. އަދި މެއިންޓޭނަންސްގެ ބައެއް މަސައްކަތްތައްވެސް ކުރަންޖެހޭތީ ފަސް ވަރަކަށް ދުވަހު އިހަވަންދިއްޕޮޅުގައި މި އުޅަނދު މަޑުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މީގެއިތުރުން އެމްޕީއެލްއިން ބުނީ ކްރޫ ޗޭންޖް ޚިދުމަތުގައި މި އުޅަނދުގައި މި ވަގުތު ތިބި 9 ކްރޫ ރާއްޖެއިން ފުރުވާލާނެ ކަމަށާއި، ރާއްޖެއަށް ވައި މަގުން އަންނަ 6 ފަޅުވެރިން ހއ.އަތޮޅަށް ގެންގޮސް، އެ ބޯޓަށް އެރުވުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާނެ ކަމަށެވެ. މި އުޅަނދަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިވާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވި ގޮތުގައި މި ބޯޓު އިހަވަންދިއްޕޮޅުގައި މަޑުކުރާ ދުވަސްވަރުގައި އެ ސަރަހައްދުގެ ރައްޔިތުންނަށް ވިޔަފާރިގެ އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. އަދި މިއީ މެރިޓައިމްގެ ދާއިރާގެ ތަރައްގީއަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވަޖީހު ވިދާޅުވިއެވެ.
ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ މި ހުރިހާ ޚިދުމަތެއްގެ މައުލޫމާތު އެއްތަނަކުން ފޯރިކޮށްދިނުމަށް ޔޫއެމްއެސް ވެބްސައިޓް ވެސް ވަނީ ތައާރަފްކޮށްފައެވެ.

