އުތުރު މެރިޓައިމް ސަރވިސަސްއިން، ބައިނަލްއަގުވާމީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުގެ ތެރެއިން، އިންޓަރނޭޝަނަލް ސީމެނުންނަށް ޚިދުމަށްދިނުމަށް “ ސީމެންސް ރެސްޓް” ގެ ނަމުގައި ޚާއްސަ ހިޔާއެއް ހުޅުވައިފިއެވެ.
އެމްޕީއެލްއިން މިއަދު ސީމެންސް ރެސްޓްގެ ނަމުގައި ޚާއްސަ ހިޔާއެއް ހުޅުވާފައިވަނީ އިހަވަންދިއްޕޮޅުގައި ތައްޔާރު ކުރެވިފައިވާ، އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓު” ފެސިލިޓީ ކައިރީގައެވެ.
ސީމެންސް ރެސްޓްއިން ސީމެނުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ބައެއް ކުޅިވަރު ކުޅުމާއި ރީޑިންގ ކޯނާ އަކާއި، ކޮފީ އަދި ސައި ފަދަ ތަކެތި ލިބުން ފަދަ ޚިދުމަތްތައް ހިމެނެއެވެ.
ސީމަންސް ރެސްޓް އޭރިޔާ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ މުޙައަމަދު ވަޖީހް އިބްރާހިމާއި، ހޯރަފުށި ދާއިރާގެ މެމްބަރު ޢަލީ މޫސާއާއި އުލިގަން ކައުންސިލްގެ ރައީސް އަޙްމަދު މުއާޒް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.
މީގެއިތުރުން އުތުރު މެރިޓައިމް ސަރވިސް (ޔޫއެމްއެސް) ގެ ޚިދުމަތް ހޯދުމަށް ފުރަތަމަ އުޅަނދުގެ ފަޅުވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

