އުތުރު މެރިޓައިމް ސާވިސަސް (ޔޫއެމްއެސް) އިން ލިބުނުފަދަ ފުރިހަމަ ޚިދުމަތެއް ދުނިޔޭގެ އެއްވެސް ޕޯޓަކުން މިހާތަނަށް ލިބިފައިނުވާ ކަމުގައި ޔޫއެމްއެސްގެ ޚިދުމަތް ހޯދުމަށް އިހަވަންދިއްޕޮޅަށް ފުރަތަމަ ބަނދަރުކުރި ބޯޓުގެ ކެޕްޓަން ބުނެފިއެވެ.
އުލިގަމުގައި މިއަދު ހެނދުނު ބަނދަރުކުރީ ޕެނަމާގެ ތެޔޮ ޓޭންކަރެއްކަމަށްވާ، ”ޖިއަން ޖީ” އެވެ. މިއީ އަބޫދާބީއިން ފުރައިގެން ޗައިނާއަށް ދަތުރުކުރަމުންދާ ބޯޓެކެވެ.
މި ޓޭންކަރުގެ ކެޕްޓަން (ޗައިނާގެ ރައްޔިތެއް) ބުނި ގޮތުގައި އޭނާގެ ސީމެންސްގެ ލައިފުގެ ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މިއަދު އުތުރު މެރިޓައިމް ސަރވިސަސްއިން ލިބުނު ފަދަ ފުރިހަމަ ޚިދުމަތެއް ދުނިޔޭގެ އެއްވެސް ޕޯޓަކުން މިހާތަނަށް އަދި ލިބިފައެއް ނުވެއެވެ.
އެހެންކަމުން އެ މީހުން ތިބީ ރާއްޖެއިން ލިބިގެންދިޔަ ޚިދުމަތްތަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައިކަމަށް ކެޕްޓަން ބުންޏެވެ.
ކެޕްޓަން ވަނީ އޭނާއާއި އޭނާގެ ކުރޫއިންގެ ނަމުގައި އުތުރު މެރިޓައިމް ސަރވިސަސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
މި ބޯޓުގެ ކައްޕިއާއި ކުރޫއިން ވަނީ، އުލިގަމުގައި ހަދާފައިވާ “ސީމަންސް ރެސްޓް އޭރިޔާ” ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ބައިވެރިވެފައެވެ.
ސީމަންސް ރެސްޓް އޭރިޔާއަކީ އުލިގަމުގައި އެމްޕީއެލްއިން ގާއިމުކޮށްފައިވާ އިންޓަނޭޝަނަލް ޝިޕް އެންޑު ޕޯޓު ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިން އެތެރެވާ އުޅަނދުފަހަރުގެ ފަޅުވެރިންނަށް، އެ ރަށުގައި މަޑުކޮށް، އަރާމުކޮށްލުމަށް ހަދާފައިވާ ތަނެކެވެ.

