މި އަހަރުގެ ވިންޓަރ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެއާޕޯޓް އޮޕަރޭޝަންސް ޑިވިޜަންއިން ބައްދަލުވުމެއް ބާއްވައިފިއެވެ.
އެމްއޭސީއެލްއިން ބުނީ މިއަދު މި ބޭއްވި ބައްދަލުވުމުގެ މަގުސަދަކީ ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަންގައި އެއާޕޯޓް އޮޕަރޭޝަންސްއަށް ދިމާވެދާނެ ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، އެ ކަންކަން ހައްލުކުރުމުގެ މަސައްކަތްތައް އިންތިޒާމު ކުރުން ކަމަށެވެ.
މި ބައްދަލުވުމަގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފާއި ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، ކުންފުނިން ވިންޓަރ ސީޒަނަށް ތައްޔާރުވަމުންދާއިރު އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމެއް ތައާރަފުކުރުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މި ސިސްޓަމުގެ ސަބަބުން އެއާޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ ހަލުވިކޮށް، ފަސިންޖަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ސީއީއޯ ވިދާޅުވީ އެމްއޭސީއެލްގެ ލަނޑުދަނޑިތަކާއި އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފުންނާއި، މެނޭޖްމަންޓް ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އިކުއިޕްމަންޓް އަޕްގްރޭޑްކުރުމާއި ޚިދުމަތްތައް ރަނގަޅުކުރުމަށް އިސްކަންދޭނެ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.
އެމްއޭސީއެލްއިން ބުނީ ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު މަޝްވަރާތައް ކުންފުނީގެ ހިއްސާދާރުންނާއެކު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިހާރު ބޭނުންކުރާ ޓަރމިނަލް ސަރަހައްދު ތަނަވަސްކޮށް، ކާރުބާރޫ ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

