ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ސްޓެއިންމަޔަރ އަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ތަހުނިޔާ ވިދާޅުވެ ރައީސް ސްޓެއިންމަޔަރ އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހަކީ، އެ ގައުމު ބައްޓަންކުރުމުގެ މުހިއްމު ބަހާތަކެއް ކަމުގައިވާ އެއްބައިވަންތަކަމާއި، ވިލުންތެރިކަމުގެ ރޫހު ދައްކުވައިދޭ ދުވަހެއް ކަމަށެވެ.
މީގެއިތުރުން ޖަރުމަނުގެ ޗާންސެލަރ ޝޮލްޓްސަށް ވަކިން ފޮނުއްވި ސިޓީފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ، ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަހުގެ އުފާވެރި މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ރައީސް ސްޓެއިންމަޔަރ އާއި ޗާންސެލަރ ޝޮލްޓްސަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގަންނަވާފައެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ޖަރުމަނުވިލާތުގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.
ޖަރުމަނުވިލާތުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، ހުޅަނގާއި އިރުމަތީ ޖަރުމަން ވަކިކުރެވިފައި އޮތް އޮތުން، 1990 ވަނަ އަހަރު ނިމުމަކަށް ގެނައި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

