އިޒްރޭލުން އީރާނާ ދެކޮޅަށް ދޭ ކޮންމެ ހަމަލާއަކަށް، އިޒްރާއީލަށް ދެން އީނާރުން ދޭނީ އާދަޔާ ޚިލާފު ޖަވާބެއް ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން އިޒްރޭލަށް މިފަދަ އިންޒާރެއް ދީފައިމިވަނީ އެގައުމުން ޔަހޫދީ އިޒްރޭލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން ސަރަހައްދީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގަތަރު މެދުވެރިކޮށް އެމެރިކާއަށް ފޮނުވި މެސެޖެއްގައެެވެ
ނުސީދާކޮށް އީރާނުން އިޒްރޭލަށް ދިން އިންޒާރުގެ މެސެޖުގައި ވަނީ އީރާނުން ސަރަހައްދީ ހަނގުރާމައެއް ކުރަން ބޭނުން ނުވާކަން ފާހަގަކޮށްފައެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އިޒްރޭލުގެ އަސްކަރީ އަދި ސަލާމަތީ އަމާޒުތަކަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ އެކަމަށް ރައްދު ދޭނެ ކަމަށް މިދިޔަ ބުދަ ދުވަހު ވައުދުވެފައެވެ.
އީރާނުން އިޒްރޭލަށް ދިން ހަމަލާތަކަކީ އިޒްރޭލުން ޣައްޒާއާއި ލުބުނާނަށް ދެމުންގެންދާ ހަަމަލާތަކާއި، ހިޒްބުالله އަދި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ޔަހޫދީން ހަމަލާދީ ޝަހީދުކޮށްލުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ.

