މިދިޔަ ޖުލައިމަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް ހައްޔަރުކުރި މެލޭޝިޔާގެ ދެ މީހުންގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް އެދި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރީ މެލޭޝިއާގެ ދެ މީހުން ކަމަށްވާ އެން ޖީ ތަމް ލިޕް (44 އ) އާއި، ކޯ ޙުއާން ބޫން (41 އ) އެވެ.
ފުލުހުން ބުނެފައިވަނީ އެން ޖީ ތަމް ލިޕަކީ އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި މީހެއް ކަމަށާއި ކަސްޓަމްސްއިން އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު، 13.5 ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނެފައިވާ ގޮތުން އޭނާ ވަނީ ދަތުރުކުރި ރޫޓް އޮޅުވައިލަން ވެސް މަސައްކަތްކޮށްފައެވެ. އަދި އޭނާގެ އަތުން ފޭކް ޓިކެޓެއް ފެނުނުއިރު، އޭނާ ރާއްޖެ އައީ ބެންކޮކުން ފުރައިގެން ދުބާއީ މަގުން ކަމަށާއި، އޭނާ ރާވައިފައި އޮތީ ރާއްޖެ މަގުން މެލޭޝިއާއަށް ދިއުމަށް ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މި މައްސަލާގައި ހައްޔަރުކުރި ކޯ ޙުއާން ބޫން އަކީ މަސްތުވާތަކެއްޗާ ހަވާލުވެ، ރީޕެކްކުރުމަށްފަހު، އެ ތަކެތި ރާއްޖެއިން ބޭރުކުރަން ހަމަޖައްސާފައި ހުރި މީހާއެވެ. އޭނާ ރާއްޖެ އައީ މަސްތުވާތަކެތި އެތެރެކުރުމުގެ އެއް ދުވަސް ކުރިން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިދިޔަ މަހުގެ 18 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސްޕްރިޑެންޓެޑް އޮފް ޕޮލިސް ނިހާދު ޙުސައިން ވިދާޅުވި ގޮތުގައި މި މައްސަލާގެ ތަހުގީގަށް އެނގުނު ގޮތުގައި މެލޭޝިއާ ދެ މީހުންނަކީ ވެސް ދުނިޔޭގެ އެކި ގައުމުތަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގައި އިސްކޮށް އުޅޭ ބައެއް ކަމަށެވެ.
މި މަސްތުވާތަކެއްޗަކީ ވެސް ޔޫކޭއަށް ގެންދަން މި މީހުން ރާވައިފައި އޮތް މަސްތުވާތަކެތި ކަމަށް ފާހަގަކުރެވުނު. ނިހާދު ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ ދެ މީހުންނާ ދެކޮޅަށް ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ކަސްޓަމްސް އޮފިސަރުންނާއި ފުލުހުންގެ ބަޔާން، މޯބައިލް ފޮރެންސިކް ރިޕޯޓާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ހިމެނެއެވެ.
ގާޒީ ސަފްޢަތު ޙަބީބް ނެރުއްވި ކޯޓު އަމުރުގައިވާ ގޮތުން، މި މައްސަލާގެ ތަހުގީގު ނިންމައި މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.

