އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށްޓަކައި މި މަހުގެ 7 ވަނަ ދުވަހު އައުޓްރީޗް ޕްރޮގްރާމެއް ފަށަން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ބުނީ ވާރލްޑް ބޭންކުގެ އެހީގައި އެ ވުޒާރާއިން އިމްޕްލިމެންޓްކުރާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް މި މަހު 7 ގައި ފެށުމަށް ހަމަޖެހިފައިވަނީ ލ.އަތޮޅުން ކަމަށެވެ.
އެގޮތުން މި މަހު 7 އިން 10 އަށް ލ.ހިތަދޫއާއި ފޮނަދޫއާއި ގަމަށް ސެއިލްސް އަދި ނޭޝަނަލް ކެރިއަރސް ސަރވިސްގެ ޓީމެއް ދަތުރުކުރާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
މި ދަތުރުތަކުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ ޒުވާނުންނާއި، ވިޔަފާރިވެރިންނާއި، އަމިއްލަ ޖަމްއިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ.
މީގެއިތުރުން ނޭޝަނަލް ކެރިއަރސް ސާރވިސް (އެންސީއެސް) ގެ ޚިދުމަތްތަކުގެ މައުލޫމަތު ފޯރުކޮށްދީ، އެންސީއެސް ޕޯޓަލް އަހުލުވެރިކޮށް، ވަޒީފާ ހޯދާ ފަރާތްތަކާއި، ވިޔަފާރިވެރިން، އެންސީއެސް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް ވެސް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ ވުޒާރާއިން ބުނީ އެންސީއެސްގެ މައިގަނޑު މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކެރިއަރ ގައިޑެންސް ގެ ޚިދުމަތް ދަރިވަރުންނާއި، އެ ފަރާތްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، މަދުރަސާ ނިންމުމަށްފަހު ވަޒީފާގެ ބާޒާރަށް ނުކުންނަން ތައްޔާރުވާ ފަރާތްތަކާއި، ވަޒީފާ އަދާކުރަން ފެށުމަށްފަހު ވެސް ކެރިއަރ އެގްވައިސް ހޯދޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމްތެއް ވަރަށް އަވަހަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދައުލަތުގެ ކަމާބެހޭ އިދާރާތަކާ، އަމިއްލަ ވިޔަފާރިތަކާ އަދި ޖަމްއިއްޔާ ޖަމާއަތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރުމަށާއި، ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް، އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވަޒީފާގެ ބާޒާރުގައި އިތުރުކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެދިއުން ހިމެނޭ ކަމަށް ވެސް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

