ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މި މަހުގެ 6 ވަނަ ދުވަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީިހުން މިއަދު ބުނެފިއެވެ.
މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.
ަރައީސް އޮފީހުން ބުނީ ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ވަޑައިގަންނަވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކަމަށެވެ.
މި މަހުގެ 6 އިން 10 އަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސާއި، ބޮޑު ވަޒީރާއި، އަދި އެ ގައުމު އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގައި، ދިވެހި ވަފުދުގެ މެހްމާންދާރީގެ ހުރިހާ ކަންކަންވެސް ހަމަޖައްސަވައިދެއްވާނީ އިންޑިއާ ސަރުކާރުގެ ފަރާތުން ކަމަށެވެ.
ރައީސް ޑރ. މުޢިއްޒު މީގެކުރިން އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވީ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ. އެއީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާއި، އައު ސަރުކާރުގެ ވަޒީރުން ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.

