ބްރޯޑްކާސްޓްކުރުންފަދަ ގައުމީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ތެދުވެރިކަން އިސްކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ނައިބުރައީސް ވިދާޅުވީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ގައުމު ބިނާކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށެވެ. މިފަދަ ގައުމީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ޒިންމާދާރުކަމާއި، ތެދުވެރިކަން އިސްކުރުން މުހިންމުކަން ވެސް އެމަނިކުފާނުގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވެއެވެ.
ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ބްރޯޑްކާސްޓްކުރުމަކީ އަމާނާތެއް ކަމަށާއި، މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ދިވެހިރާއްޖެއާއި ގައުމުގެ ހައްގުގައި ވަކާލާތުކުރުން ކަމަށެވެ.
ގައުމު ބިނާކުރުމާއި، ޑިމޮކްރަސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ ދައުރުގެ އަގު ވަޒަންކޮށް، މި ދާއިރާގެ ތަރައްގީއަށް މަގުފަހިކުރުމަށް ފާހަގަކުރާ ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

