އިރާގުން ދިން ޑްރޯން ހަމަލާއެއްގައި އިޒްރޭލުގެ ސިފައިންގެ ދެ މީހަކު މަރުވެފައިވާ ކަމަށް ޔަހުދީ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.
ޔަހޫދީ އަސްކަރިއްޔާގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާދީފައިވަނީ އިއްޔެ ހެނދުނު އީރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސް ގުރޫޕުންނެވެ. އެ ޖަމާއަތުން ގެންދަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ އަސްކަރިއްޔާއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެމުންނެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހަމަލާއަކީ އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމާއެކު އީރާގުން ފަަސްތީނުގެ ރައްޔިތުންނާއެކު ތިބިކަން ހާމަކުރުމުގެ ގޮތުން އިޒްރާއީލަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ އަސްކަރިއްޔާއަށް އެންމެ ބޮޑު ގެއްލުން ލިބުނު ފަހަރެވެ. އަދި 1973 ވަނަ އަހަރަށް ފަހު އިރާގުގެ ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ މީހަކު މަރުވި ފުރަތަމަ ފަހަރު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާގައި އިޒްރޭލު ސިފައިންގެ 25 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

